ނިއުކްލިއާ ވޯހެޑެއް އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ސެޓެލައިޓެއް މި އަހަރު ނިމުމުގެ ކުރިން ޖައްވަށް ފޮނުވުމަށް ރަޝިޔާއިން ތައްޔާރީތައް ވަމުންދާ ކަމަށް ޖަރުމަނުގެ ޖާސޫސީ އިދާރާތަކުގެ އެސެސްމެންޓާ ހަވާލާދީ ޔޫރަޕުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ޖަރުމަނުގެ ނޫސް އިދާރާތަކެއް ގުޅިގެން ހިންގި ތަޙުޤީޤަކުން ހާމަވި ގޮތުގައި، ސްޕަޓްނިކް-އެސް ނަމަކަށް ކިޔާ މި ސެޓެލައިޓް އެތައް އަހަރެއް ކުރިން ފުރިހަމައަށް ރާވައި ޖޮއިންޓުކޮށް، މޮސްކޯ ސަރަޙައްދެއްގައި ރައްކާކޮށްފައި އޮތެވެ. ރޮއިޓާސް ހަވާލާދީ ދަ ކީވް އިންޑެޕެންޑެންޓުން ރިޕޯޓުކުރި ގޮތުގައި، ބާލިންގައި ހުންނަ ރަޝިޔާ އެމްބަސީން ވަނީ މި ތުހުމަތުތައް "އެއްވެސް އަސާސެއް ނެތް" ވާހަކަތަކެއް ކަމަށް ބުނެ ދޮގުކޮށްފައެވެ.
މި ރިޕޯޓުތައް ހާމަވެފައި ވަނީ، ނިއުކްލިއާ ހަތިޔާރު އުފުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ސެޓެލައިޓެއް ރަޝިޔާއިން ތަރައްޤީކުރަމުންދާ ކަމަށް އެމެރިކާގެ ދިފާޢީ ޖާސޫސީ އިދާރާއިން މިދިޔަ މަހު ބުނެފައި ވަނިކޮށެވެ.
މި ރިޕޯޓުތައް ފެންމަތިވީ، ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމާ ގުޅޭ ގޮތުން ރަޝިޔާގެ ވެރިން ދައްކާ ވާހަކަތައް ވެސް ހޫނުވަމުންދާ ދުވަސްވަރެއްގައެވެ. ރަޝިޔާގެ ކުރީގެ ރައީސް އަދި މިހާރުގެ ސެކިއުރިޓީ ކައުންސިލްގެ ނައިބު ޗެއާމަން ދިމީތްރީ މެދްވެދެފް ވަނީ މޮސްކޯ ޖާނަލް އޮފް އިންޓަނޭޝަނަލް ލޯ ގައި ޝާއިޢުކުރި މަޒުމޫނެއްގައި، ބައިނަލްއަޤުވާމީ ޤާނޫނުގެ އޮނިގަނޑުގެ ތެރެއިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރެވިދާނެ ހާލަތްތައް ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.
ޓާސް ނޫސް އެޖެންސީން ހޯމަ ދުވަހު ރިޕޯޓުކުރި ގޮތުގައި، 1996 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ ލަފާ ރައުޔަށް ހަވާލާދީ މެދްވެދެފް ބުނީ ނިއުކްލިއާ ހަތިޔާރު ހުރި ދައުލަތެއްގެ ދެމިއޮތުމަށް ނުރައްކާވެއްޖެ ހާލަތެއްގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން ޤާނޫނާ ޚިލާފު ކަމެއް ކަމަށް ކޯޓަށް ކަނޑައެޅެން ނެތް ކަމަށެވެ.
މެދްވެދެފް ބުނީ "ބައިނަލްއަޤުވާމީ ޤާނޫނުން ނިއުކްލިއާ ހަތިޔާރު ހުރި ދައުލަތެއް، އެ ދައުލަތުގެ ދެމިއޮތުމަށް ޓަކައި - އެ ދައުލަތެއްގެ އަތުގައި ހުރި އެންމެ ބާރުގަދަ ދިފާޢީ ވަސީލަތް ބޭނުންކުރުން - މަނައެއް ނުކުރެއެވެ" ކަމަށެވެ. އޭނާ ބުނި ގޮތުގައި، އެ ފަދަ ޙާލަތެއްގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ކުށެއް ނުވަތަ ޤާނޫނީ ނިޒާމާ ޚިލާފު ކަމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
ޖައްވުގައި ނިއުކްލިއާ ހަތިޔާރުގެ ރޭހެއް ހުއްޓުވުމަށް 2024 ވަނަ އަހަރު އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރެއް ރަޝިޔާއިން ވީޓޯ ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް