ޑެޕިއުޓީ މިނިސްޓަރު ރާގިބު މަގާމުން ވަކިކޮށްފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސް، ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާތީ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެން...

25 Nov 2024 | 13:52

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސް، ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާތީ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު މުހައްމަދު ރާޣިބު އަހްމަދު އެމަޤާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރާގިބު މަގާމުން ވަކިކުރީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެން ކަމަށެވެ.

ރާގިބު ވިދާޅުވި ގޮތުގައި ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ސިޓީއަކަށް ޝަރުތު ހަމަވާ ކަންކަމަށް ރިއާޔަތްނުކޮށެވެ. އެގޮތުން ސިޓީއެެއްގެ ދަރަޖަ ދިނުމުގައި 10،000 މީހުންގެ އާބާދީ އަށް އޮންނަން ޖެހޭ އިރު، އެ ޝަރުތި ތިނަދޫގައި ހަމަނުވާ ކަމަށް ރާގިބް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އެ ރަށުގެ އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނަށް ހުށަހެޅުމުން އެ ތަނުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ތިނަދޫގެ އާބާދީއަކީ 7،000 އެވެ.

އެހެންްކަމުން ތިނަދޫޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އޭރު ރައީސް ނެރުއްވި ޤަރާރު ބާތިލުކޮށްދެއްވުމަށާއި، ޤަރާރަށް އަމަލު ކުރުމުގެ ގޮތުން މިހާތަނަށް ނިންމާފައިވާ ނިންމުންތައް ޤާނޫނީ ހަމަތަކުގެ މަތިން ބާތިލުކަމަށް ކަނޑައަޅުއްވައިދެއްވުމަށް މައްސަލައިގައި އެދިފައިވެއެވެ.

އެހެން ނަމަވެސް އެ މައްސަލަ ހައި ކޯޓުން ބަލައި ގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައީސްގެ ގަރާރަކުން އޮގަސްޓް މަހުގެ 30 ގަ އެވެ. އެ ގަރާރުގައި ސިޓީއެއްގެ ދަރަޖަ ދެވޭ ރަށްރަށުގައި ހުންނަން ޖެހޭ ޝަރުތުތައް ތިނަދޫގައި ފުރިހަމަވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބުމުގައި ޤާނޫނީ ހުރަސްތަކެއް ހުރުމުން އެކަމާ ގުޅޭ ގޮތުން އެ ރަށު ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް އެ މައްސަލަ މިދިޔަ އަހަރުގެ ފަހުކޮޅު ހުށަހެޅި އެވެ.

އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ މާޗް މަހުގެ ތެރޭގައި ގދ. ތިނަދޫ ކައުންސިލަކީ، "ތިނަދޫ ސިޓީ ކައުންސިލް" ގެ ގޮތުގައި އަދި ގދ. ތިނަދޫ ކައުންސިލްގެ އިދާރާއަކީ "ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ"ގެ ގޮތުގައި ހަމަޖެއްސެވި އެވެ.

ރާއްޖޭގެ ސިޓީތަކުގެ ތެރޭގައި މިހާރު ހިމެނެނީ ތިނަދު އާއި އައްޑު އާއި ފުވައްމުލަކާއި ކުޅުދުއްފުށީގެ އިތުރުން ވެރިކަން ކުރާ މާލެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް