މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) ގެ ހުޅުމާލޭ ޖަލުގައި، ޤައިދީންނާއި ބަންދުމީހުން ޢާއިލާ އާ ބައްދަލުކުރާ ގެ ތަރައްޤީކުރުމަށްފަހު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
ހުޅުމާލޭ ޖަލުގެ ޢާއިލީ ބައްދަލުކުރާ ގެ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރަސްމީކޮށް އެ ގެ ހުޅުވައިދެއްވީ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފްއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ހުޅުމާލޭ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ، ހުޅުމާލެ ޖަލުގެ ސީނިއަރ މެނޭޖްމަންޓް އާއި އެޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.
މީގެ ކުރިން ހުޅުމާލެ ޖަލުގައި ޢާއިލީ ބައްދުލުކުރުމަށް ކަނޑައަޅާފައިވާ ތަނަކީ ފަހަރަކު އެއް ޢާއިލާއަށް ބައްދަލުވުން ފޯރުކޮށްދެވޭހާ ޖާގައިގެ ކުޑަ ތަނެކެވެ.
ނަމަވެސް މިއަދު ހުޅުވުނު ބައްދަލުކުރާ ގެއަކީ އޭސީކޮށް، ޖާގައިގެ ގޮތުން ތަނަވަސް އަދި ފަހަރަކު ތިން ފަރާތަކަށް އެމީހުންގެ ޢާއިލާއާ ބައްދަލުކުރުގެ ފުރުޞަތު ލިބިގެންދާނެ ގެއެއް ކަމަށާއި އަދި ބައްދަލުވުމަށް ޢާއިލާއާއެކު ޖަލަށް އަންނަ ކުޑަކުދިން ވާހަކަ ކިޔުމާއި ކުޅުމަށް ބައްދަލުކުރާ ގޭގައި ޚާއްސަ ކިޑްސް ކޯނަރ އެއް ޤާއިމުކޮށްފައިވާނެކަމުގައި ކަރެކްޝަންސްއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ބައްދަލުކުރާ ގެއާއެކު އިންވެގެން އޭސީކޮށްފައިވާ ވެއިޓިންގ ރޫމްއެއް ވެސް ޤާއިމްކޮށްފައިވާނެކަމަށާއި މި ވެއިޓިންގ ރޫމް ބޭނުންކުރެވޭނީ ޢާއިލާއިން ބައްދަލުކުރުމަށް ހާޟިރުވާ މީހުން މަޑުކުރުމަށާއި އެހެނިހެން ކަންކަމުގައި ޖަލަށް ޒިޔާރަތްކުރާ މީހުން މަޑުކުރުމަށްކަމުގައި ބުނެފައިވެއެވެ.
ކަރެކްޝަންސް އިން އިތުރަށް ބުނެފައިވަނީ މި ބައްދަލުކުރާގޭގެ ސަބަބުން، ޤައިދީންނަށާއި ބަންދުމީހުންނަށް ފޯރުކޮށްދެވޭ ޢާއިލީ ބައްދަލުވުމުގެ އަދަދު 100 އިން ސައްތައަށް އިތުރުވެގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް