އަންނަ އަހަރު ޅ. އަތޮޅުގައި ބަޔޮސްފިއަރ ރިޒާވެއް ޤާއިމުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ސަރވޭކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި އިތުރު ބަޔޯސްފެއަރ ރިޒާވް ޤާއިމުކުރުމަށް މިއަހަރު ހުޅުވާލި ފުރުޞަތުގައި ޕްރޮޕޯސަލް ހުށައަޅާފައިވަނީ ހަމައެކަނި ޅ. އަތޮޅުންކަމަށެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ހަފްތާ 52" ޕްރޮގްރާމްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ޕްރޮޕޯސަލްތައް ހުށައެޅުމަށް ހުޅުވާލުމުން ޕްރޮޕޯސަލް ފޮނުވާފައިވަނީ ހަމައެކަނި ޅ. އަތޮޅުން ކަމަށެވެ. އަދި ހުށައަޅާފައިވާ ޕްރޮޕޯސަލް ފުރިހަމަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޠާރިޤް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ސަރވޭގެ މަސައްކަތް ފެށުމުން ދޮޅު އަހަރުގެ ތެރެގައި އެޕްލިކޭޝަންގެ ހުރިހާ މަސައްކަތެއް ނިންމައި، ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވްގައި ހިމެނުމަށް ހުށަހެޅިގެންދާނެކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ބ.އަތޮޅާއި، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއެވެ.
ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި ހަމަޖެހިގެން ދިޔުމުން، ގުދުރަތީ ރީތިކަން ލިބިފައިވާ ސަރަޙައްދުތައް ޙިމާޔަތްކޮށް ބެލެހެއްޓުން ހަރުދަނާކުރުމަށް ބާރުއަޅަން މަގުފަހިވެގެންދެއެވެ.
ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ވަކި ސަރަޙައްދެއް ކަނޑައަޅައި އެގޮތުގައި ދެމެހެއްޓުމަށް އެސަރަޙައްދެއްގެ އެކި މުވައްސަސާތަކާއި، ރައްޔިތުންގެ ހިއްސާ ބޮޑެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ތިމާވެއްޓަށް އޭގެ ސަބަބުން ރަނގަޅު ކުރިއެރުންތަކެއް ގެނުވާކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް