ރިޔާސީ އިންތިހާބުގެ ޓިކެޓާއި ކެނޑިޑަސީ ކަންކަމުގައި ކަންކަންކޮށްފައިވާނީ ރައީސް ޔާމީން އެންގެވި ގޮތަށް އަކުރުން އަކުރަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ މިރޭ ސަންގު ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
އެ އިންޓަވިއުގައި އަބްދުއްރަހީމް ވިދާޅުވީ ކުރީ ބަގާވާތެއް ކަމުގައި ތުހުމަތު ކުރާއިރު އަބަދުވެސް ކަންކަން ކޮށްފައިވާނީ ސީދާ ރައީސް ޔާމީން އެމަނިކުފާނުގެ ނޯޓުތަކުން އަންގަމުންދިޔަ ގޮތަށް ކަމަށެވެ.
އެގޮތުން ރައީސް ޔާމީން އެކުލަވާލެއްވި ޕްލޭން އޭ، ޕްލޭން ބީ، ޕްލޭން ސީވެސް ކުރިއަށްގެންގޮސް ކަންކަންކުރީ ރައީސް ޔާމީން އެންގެވިގޮތަށްކަން ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.
ނަމަވެސް ބަގާވާތެއް ކުރިއޭ ބުނާ ބުނުމަކީ އެންމެ ފަހު ވަގުތު ނެގި ވޯޓު އިންތިހާބު ބޮއިކޮޓް ކުރުމާ ދެކޮޅަށް ނަތީޖާ ނިކުތުމުން ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
ޑރ. ޖަމީލް މިހާރު ދައްކަމުން އަންނަ ވާހަކަތަކާއިމެދު އަބްދުއްރަހީމް ވިދާޅު މީހަކާއި ދިމާލަށް ޖާހިލެކޭ ބުނާނީ އެއަށްވުރެ ބޮޑު ޖާހިލެއް ކަމަށާއި އަދި ބަގާބާތް ކުރަނީ ކާކުކަން ރައީސް ޔާމީންގެ ރިޔާސީ ދައުރުން ފެނިގެން ދިޔަ ކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ޑރ. ޖަމީލް އޭރު ރޭވި ރޭވުންތަކުގެ ކަންކަން ހެއްކާއެކު ރައީސް ޔާމީން އޭރުގެ ޕީޕީއެމް ޕީޖީ ގްރޫޕާއި ހިއްސާކުރެއްވި ކަމަށާއި އިތުބާރު ނެތް ކަމުގެ ވޯޓު ނެގީ އެހިސާބުން ކަމަށެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ޑރ. ޖަމީލް ރުޅި އަންނަ ސަބަބަކީ ޓިކެޓު ޖަމީލަށް ނުލިބުމުން ކަމަށާއި އެ ނޫން ކަމެއް ހަސަދައެއް އޮވެގެން ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް