ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭ ގައި މިރޭ ނެދަލެންޑްސް އާއި އެކުއެޑޯ ކުޅުނު މެޗް 1-1 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ.
މި ނަތީޖާއާއެކު މުބާރާތް ބާއްވާ ގައުމު ގަތަރަށް ވަނީ، ބާކީ 1 މެޗު އޮއްވާ މުބާރާތުގެ 2 ވަނަ ބުރުގެ ފުރުސަތު މުޅިން ގެއްލިފައެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗު ފެށިގެން އެކުއެޑޯއަށް ރަނގަޅަށް ގޭމުގެ ތެރެއަށް ނުވަދެވެނިސް، ނެދަލެންޑްސްގެ ގަކްޕޯ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ޖެހި ހިތްގައިމު ލަނޑުން ނެދަލެންޑްސް ލީޑު ނެގިއެވެ.
ނެދަލެންޑްސްގެ ލަނޑަށް ފަހު ބޮޑަށް ފެނިގެން ދިޔައީ އެކުއެޑޯއިން ގޯލަށް ނުރައްކާ ކުރަމުން ދިޔަ މަންޒަރެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހުކޮޅު އެކުއެޑޯއިން ނެދަލެންޑްސްގެ ޑިފެންސަށް ބާރު ބޮޑުކޮށްލިއިރު، ލަނޑެއް ވެސް ޖެހިއެވެ. ނަމަވެސް ރެފްރީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމިއިރު، ހާފު ނިމިގެން ވެސް އެކުއެޑޯގެ ކުޅުންތެރިން ވަރަށް ބޮޑަށް ޝަކުވާކުރިތަން ފެނިގެން ދިޔައެވެ.
އެކުއެޑޯއިން ދެ ވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން ދެ ވަނަ ހާފުގެ 4 ވަނަ މިނިޓުގައި އެކުއެޑޯއިން ނަތީޖާ ހަމަހަމަ ކޮށްލިއެވެ. އެސްޓުޕިނާން ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު ދިފާއުކުރުން ލިބުނު ރިބައުންސް ބޯޅަ މުޅިން ހުސްކޮށް އޮތް ގޯލަށް ފޮނުވާލީ ވެލެންސިއާ އެވެ. މިއީ އޭނާ މި ފަހަރުގެ ވޯލްޑް ކަޕްގައި ޖެހި 3 ވަނަ ލަނޑެވެ.
ވެލެންސިއާގެ ލަނޑަށް ފަހުގައި ވެސް އެކުއެޑޯއިން މޮޅަށް ކުޅެމުން ދިޔައިރު، އެ ޓީމުގެ އެސްޓުޕިނާން ފޮނުވާލި ހަމަލާއެއް މަތީ ދަނޑިއަށް ވެސް އަމާޒުވިއެވެ.
މި ހާފުގައި މެޗުން މޮޅުވުމަށް ދެ ޓީމުން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އިތުރު ލަނޑެއް ނުޖެހުނެވެ. މި ނަތީޖާއާއެކު ނެދަލެންޑްސް 4 ޕޮއިންޓާއެކު 1 ވަނައިގައި އޮތްއިރު، ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލުގެ ތަފާތު ކުޑަވުމުން އެކުއެޑޯ އޮތީ 2 ވަނައިގައެވެ. 4 ވަނައިގައި އޮތް ގަތަރު، ބާކީ 1 މެޗު އޮއްވާ ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.
މެޗުގެ ތަފާސް ހިސާބުތައް:
| ނެދަލެންޑްސް | އެކުއެޑޯ | |
| 1 | ލަނޑު | 1 |
| 45% | ބޯލް ޕޮޒިޝަން | 36% |
| 1 | ޝޮޓް އޮން ޓާގެޓް | 4 |
| 1 | ޝޮޓް އޮފް ޓާގެޓް | 5 |
| 530 (85%) | ޕާސްތައް (ކާމިޔާބު މިންވަރު) | 429 (82%) |
| 0 | ރީނދޫ ކާޑު | 1 |
| 0 | ރަތް ކާޑު | 0 |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް