ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭ ގައި މިރޭ ކުޅުނު މެޗުން މުބާރާތް ބާއްވާ ގައުމު ގަތަރުގެ މައްޗަށް 3-1 ގެ ނަތީޖާއިން ކުރިހޯދާ، ސެނެގާލް އިން އުންމީދު އާކޮށްފިއެވެ.
ފުރަތަމަ މެޗުން ނެދަލެންޑްސްގެ އަތުން 2-0 ގެ ނަތީޖާއިން ބަލިވެފައި އޮތް ސެނެގާލް ކުރިޔަށް ދިއުމަށް މިއީ ވަރަށް ވެސް މުހިންމު މޮޅެކެވެ. އަނެއްކޮޅުން މި ނަތީޖާއާއެކު ގަތަރަށް ގްރޫޕް ސްޓޭޖް ފަހަނައަޅާ ދިއުމުގެ ދޮރު ގާތްގަނޑަކަށް ބަންދުވީއެވެ.
މިރޭގެ މެޗު ފަށައިގެން ގަތަރަށް އެއްވެސް ފުރުސަތެއް ނުދީ ސެނެގާލް އިން ދިޔައީ މޮޅަށް ކުޅެ އެޓޭކްތައް އުފައްދަމުންނެވެ. އެހެނަސް، އެ ޓީމަށް ގޯލު ހުޅުވާލެވޭވަރުވީ މެޗުގެ 41 ވަނަ މިނިޓުގައެވެ. ޑިއާޓާ ނަގައިދިން ހުރަހެއް ކޯކީ ކްލިއާކޮށްލަން އުޅުނު ނަމަވެސް، އޭނާ ކައްސާލުމުގެ ނަތީޖާއަކަށްވީ އޭނާގެ މޭގައި ޖެހިފައި އެ ބޯޅަ ސެނެގާލްގެ ޑިއާ އަށް ލިބުމެވެ. ޑިއާ ވަނީ އެއްބުރުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ދެ ވަނަ ހާފު ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ސެނެގާލްއިން 2 ވަނަ ލަނޑެއް ޖެހިއެވެ. ޖޭކޮބްސް ނަގައިދިން ކޯނަރުން ޑިއޭދިއޫ ލަނޑު ޖެހީ ބޮލުންނެވެ.
އިސްމާއީލް މުހައްމަދުގެ އެހީތެރިކަމާއެކު މުހައްމަދު މުންތާރީ މެޗުގެ 78 ވަނަ މިނިޓުގައި ޖެހި ލަނޑުން ގަތަރު ތަފާތު ކުޑަކުރި ނަމަވެސް، މެޗުގެ ފަހުކޮޅު ޑިއެންގް ޖެހި ލަނޑުން ސެނެގާލް ވަނީ 3 ޕޮއިންޓް ކަށަވަރު ކޮށްފައެވެ. މުންތާރީ ޖެހި ލަނޑަކީ ގަތަރުން މި މުބާރާތުގައި ޖެހި ފުރަތަމަ ލަނޑެވެ.
މެޗުގެ ތަފާސް ހިސާބުތައް:
| ގަތަރު | ސެނެގާލް | |
| 1 | ލަނޑު | 3 |
| 39% | ބޯލް ޕޮޒިޝަން | 47% |
| 3 | ޝޮޓް އޮން ޓާގެޓް | 4 |
| 5 | ޝޮޓް އޮފް ޓާގެޓް | 5 |
| 406 (81%) | ޕާސްތައް (ކާމިޔާބު މިންވަރު) | 503 (86%) |
| 3 | ރީނދޫ ކާޑު | 3 |
| 0 | ރަތް ކާޑު | 0 |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް