އައްޑޫ ސިޓީ އާައި މާލެ އަތޮޅުގައި ކައުންޓާ ޓެރަރިޒަމާއި ދެކޮޅަށް މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ރޭވުން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ އައްޑޫ ސިޓީ ގަމުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ސަލާމަތީ ބާރުތަކުން ހިންގި އެ އޮޕަރޭޝަންގައި14 މީހަކު ހައްޔަރު ކުރި އެވެ.
މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރު ފެތުރިޔަނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މުޖުތަމައުގައި މިފަދަ ނުރައްކާތައް ފަތުރާ، ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ ފަރާތްތަކުން ހަމައެކަނި އެކަމަށް ހުސްވެލައިގެންތިބެ ކެނޑިނޭޅި އެމަސައްކަތް ކުރަމުންދާ ކަމަށެވެ.
މާރިޔާ ވިދާޅުވީ އާއްމުކޮށް ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމާއެކު، އޭރިއާ ކޮމާންޑްތަކުގެ ސަރަހައްދުތަކުގެ ތެރޭގައި ހިނގާ މިފަދަ ވިސްނުންތަކާއި ރޭވުންތަކަށް ފާރަވެރިވާން ޖެހޭ ކަމަށެވެ. އަދި އެކަންކަމުގެ މައުލޫމާތު ހޯދާ ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް ހަރަކާތްތައް ބައްޓަންކުރުމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ޓުއަރިޒަމަށް ބަރޯސާވެފައިވާ، ނާޒުކު އިގްތިސާދެއް އޮތް ގައުމެއްގައި، މިފަދަ ހާދިސާއެއް ހިނގުން ވެގެންދާނީ، އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމަކަށް ކަމަށެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ތެރެއިން10 މީހުން ހައްޔަރު ކުރީ އައްޑޫ ސިޓީންނެވެ. އަނެއް ހަތަރު މީހުންގެ ތެރެއިން ދެ މީހުން މާލެއިން ހައްޔަރު ކުރި އިރު އަނެއް ދެމީހުން ހައްޔަރު ކުރީ ކ. ގުރައިދޫއިންނެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށް ބަލާ ފާސްކުރި ތަންތަނުން ބޮން ހަދާ ތަކެއްޗާއި ބޮން ހަދަން ބޭނުން ކުރާ ކެމިކަލް ފަދަ އާލާތްތައް ފެނިފައިވާ ކަމަށެވެ. އަދި އެމީހުން ރާވަމުންދިޔައީ ގިނަ ބަޔަކު އެއްވާތަނެއްގައި ބޮން ގޮއްވައި މީހުން މެރުމަށް ކަމަށެވެ.
އެމީހުން ބޮން ގޮއްވާލަން އުޅުނު ތަނުގެ މައުލޫމާތު އެނގުނު ނަމަވެސް އެ މައުލޫމާތު ހާމައެއް ނުކުރެ އެވެ. މި މައްސަލައިގަ ހައްޔަރު ކުރި އެންމެންނަކީ އައްޑޫ ސިޓީގެ ރަށްތަކަށް ނިސްބަތްވާ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް