ވޯލްޑް ކަޕް 2022: ފަހު ވަގުތު ޖެހި 2 ލަނޑު ވޭލްސްގެ މައްޗަށް އިރާނަށް މުހިންމު މޮޅެއް

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީ ގައި މިއަދު ވޭލްސް އާއި އިރާން ބައްދަލުކުރި މެޗުގައި، ފަހު ވަގުތު ޖެހި 2 ލަނޑުން އިރާން މޮޅުވެއްޖެއެވެ. ފުރަތަމަ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން އިރާން ބަލިވެފައި އޮ...

25 Nov 2022 | 12:37

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީ ގައި މިއަދު ވޭލްސް އާއި އިރާން ބައްދަލުކުރި މެޗުގައި، ފަހު ވަގުތު ޖެހި 2 ލަނޑުން އިރާން މޮޅުވެއްޖެއެވެ. ފުރަތަމަ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން އިރާން ބަލިވެފައި އޮތުމުން، މި މޮޅަކީ އެ ޓީމަށް ވަރަށް މުހިންމު މޮޅެކެވެ. އަނެއްކޮޅުން، މި މެޗުން ބަލިވުމުން، ވޭލްސްއަށް  ދެ ވަނަ ބުރަށް ދިއުމުގެ ދޮރު ގާތްގަނޑަކަށް ބަންދުވީއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ހާފުގައި ވޭލްސްއަށްވުރެ ރަނގަޅު ކުޅުމެއް އިރާނުން ދެއްކިއިރު، ލަނޑުޖަހަން ފުރަތަމަ ފުރުސަތު ލިބުނީ ވޭލްސްއަށެވެ. ރޮބާޓްސްގެ ހުރަހަކުން މޫރޭ ފޮނުވާލި ބޯޅަ ގޯލްކީޕަރ ހޮސެއިނީ ދިފާއުކުރިއެވެ. އޭގެ 4 މިނިޓު ފަހުން ރޮބާޓްސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އިރާންގެ ގޮލިޒަޑޭ ލަނޑު ޖެހިނަމަވެސް، އެ ލަނޑު ވީ އޮފްސައިޑެވެ. މި ހާފުގެ ފަހުކޮޅުގައި ބޭލްގެ ނުރައްކާތެރި ހަމަލާއެއް އިރާންގެ ގޯލްކީޕަރު ދިފާއުކުރިއިރު، ނޫރޮއްލާހިގެ ހުރަހުން ލިބުނު ފުރުސަތުގެ ބޭނުން އަޒްމޯންއަށް ނުހިފުނެވެ.

ދެ ވަނަ ހާފުގައި ވެސް ދެ ޓީމުން ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު މެޗުގެ އޮއިވަރު ބޮޑަށް ބަދަލުވީ ވޭލްސްގެ ގޯލްކީޕަރ ހެނެސޭއަށް މެޗުގެ 86 ވަނަ މިނިޓުގައި ރަތްކާޑު ދެއްކުމުންނެވެ. އިރާންއިން އުފެއްދި އަވަސް ކައުންޓަރ އެޓޭކެއްގައި ޓަރޭމީ މުޅިން ހުސްކޮށްހެން ބޯޅަ ހިފައިގެން ކުރިޔަށް އެރިއިރު، އެ ބޯޅަ ދިފާއުކުރަން އޭރިޔާގެ ބޭރަށް ނުކުމެގެން އައި ވޭލްސްގެ ގޯލްކީޕަރުގެ ހަމަލާ އަމާޒުވީ ކުޅުންތެރިޔާއަށެވެ. މި ފައުލްއަށް ވީއޭއާރް ބެލުމަށްފަހު ރެފްރީ ރަތްކާޑު ދެއްކިއިރު، މިއީ ވޯލްޑް ކަޕްގެ ތާރީޚްގައި ވެސް ގޯލްކީޕަރަކަށް ރަތް ކާޑު ދެއްކި 3 ވަނަ ފަހަރެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ވޭލްސް ކޮޅަށް އިރާނުން ފުރަތަމަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. އިރާންގެ ޗެޝްމީ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އޭގެ 3 މިނިޓު ފަހުން އިރާނުން އުފެއްދި ކައުންޓަރ އެޓޭކެއްގައި ޓަރޭމީ ބޯޅަ ހިފައިގެން އަރާ ރަޒެއިން ވަނީ ބޯޅަ ގޯލަށް ފޮނުވާލާފައެވެ.

މި މޮޅާއެކު އިރާން މި ވަގުތު އޮތީ 3 ޕޮއިންޓާއެކު ގްރޫޕް ބީ ގެ 2 ވަނައިގައެވެ. ވޭލްސް އާއި ޔޫއެސްއޭއަށް 1 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ގްރޫޕްގެ އެއް ވަނައިގައި އޮތް އިންގްލެންޑް ކުޅޭނީ ޔޫއެސްއޭ އާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް