ކައިވެނި ކޮށްގެން އުޅެނީ ސިއްރުން ނޫން ކަމަށް ޒައިން ބުނެފި

ބޮލީވުޑްގައި ކުރި އަރަމުން އަންނަ ޒައިން ހާން ކައިވެނި ކޮށްގެން އުޅެނީ ސިއްރުން ނޫން ކަމަށް އޭނާ ބުނެފި އެވެ. ޒަައިން އާންމުންގެ މެދުގައި މަގުބޫލުވެގެން ދިޔައީ2021 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ބެލް...

25 Nov 2022 | 12:07

ބޮލީވުޑްގައި ކުރި އަރަމުން އަންނަ ޒައިން ހާން ކައިވެނި ކޮށްގެން އުޅެނީ ސިއްރުން ނޫން ކަމަށް އޭނާ ބުނެފި އެވެ.

ޒަައިން އާންމުންގެ މެދުގައި މަގުބޫލުވެގެން ދިޔައީ2021 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ބެލް ބޮޓޮމް" ފަދަ ފިލްމުތަކުންނެވެ. އޭގެ ކުރިންވެސް އޭނާ ބައެއް ހިންދީ ފިލްމުތަކުން ފެނިގެންދިޔަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާ ވަނީ މިދިޔަ އޮކްޓޯބަރު މަހު11 ވަނަ ދުވަހު ކައިވެނިކޮށްފައި އެވެ. އޭނާ ކައިވެނި ކުރީ ދެފަރާތު އާއިލާ ބައިވެރިވި ހާއްސަ، ކުޑަ ރަސްމިއްޔާތެއްގައި ކަޝްމީރު އަންހެނަކާއި އެވެ.

ކައިވެނީގެ ރަސްމިއްޔާތުވެސް އޮތީ ކަޝްމީރުގައި އެވެ. އަދި މިހާރުވެސް އޭނާ ހުރީ އަންހެން ކައިރީގައި ކަޝްމީރުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިވާހަކަތައް ރިޕޯޓު ކުރަން ފެށުމުން އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޒަައިން ބުނީ އޭނާ އުޅެނީ މީހަކާއި އިނދެގެން ކަމަށާއި އެކަން ސިއްރު ކުރަން ނޫޅޭ ކަމަށެވެ. އަދި މިވަގުތު ކަޝްމީރުގައި އަންހެނުން ކައިރީ ހުރިވާހަކަވެސް ވަނީ ކަށަވަރުކޮށްދީފައި އެވެ.

ޒައިން ބުނީ މިހާރު އޭނާ ފެނިގެންދާ ސީރީޒް "މުކްބިރް- ދަ ސްޓޯރީ އޮފް ސްޕައި" ގެ ޓީމާއި އޭނާގެ އަންހެނުންނާއި ބައްދަލުވެފައިވާ ކަމަށެވެ. އަދި އޭނާގެ އަންހެނުންގެ ގޮތުގައި ޓީމަށް ތައާރަފުކޮށްދީފައިވާނެ ކަމަށެވެ.

ޒައިން ބުނީ އަންހެނުންނަކީ ފިލްމް އިންޑަސްޓްރީއަށް ނިސްބަތްވާ މީހަކަށް ނުވާތީ އޭނާ އާންމުންނަށް އެނގެން ބޭނުން ނުވާ ކަމަށެވެ. އެހެންވެ އަންހެނުންގެ ނިންމުމަށް އޭނާވެސް އިހުތިރާމް ކުރާ ކަމަށެވެ.

ޒައިން، އޭނާގެ އަންހެނުން ސިފަކޮށްފައިވަނީ އޯގާތެރި އެހެން މީހުންގެ އިހުސާސްތައް ދަންނަ ހެޔޮ މީހެއްގެ ގޮތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް