ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މައުރަޒު ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، ރައީސާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވަނީ އެކި ސްޓޯލްތަކަށް ވަޑައިގެން، އެތަންތަނުގައި ދައްކާލާފައިވާ ތަކެތި ބައްލަވާލައްވާފައެވެ. މައުރަޒު އާންމުންނަށް ހުޅުވާލީ ދިވެހި ސަގާފަތާ ގުޅުންހުރި ހަރަކާތްތަކާއެކުގައެވެ.
މިފަހަރުގެ މައުރަޒުގައި 4,404 އުފެއްދުމެއް ހިމެނެއެވެ. އެ ތަކެތި ބައިވެރިކޮށްފައިވަނީ 419 ފަރާތަކުންނެވެ. އޭގެ ތެރެއިން 321 ފަރާތަކީ އަމިއްލަ ފަރުދުންނެވެ. އަދި 75 ވިޔަފާރިއަކާއި ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއް ވެސް ބައިވެރިވެފައިވެއެވެ. ތައުލީމީ ދާއިރާއާއި ޖަމްއިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް މައުރަޒުގައި ބައިވެރިވެފައިވެއެވެ. 240 ފަރާތަކުން 2,400 އުފެއްދުން ބައިވެރިކުރި ކުރީ އަހަރާ އަޅާބަލާއިރު، މިއީ %83.5 ގެ އިތުރުވުމެކެވެ.
16 ދާއިރާއަކާއި 73 ގިންތިއެއް ހިމެނޭ މައުރަޒުގައި އެންމެ ގިނަ އުފެއްދުން ހުރީ ދިވެހިންގެ ޒަމާންވީ ސަގާފަތާ ގުޅުންހުރި އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެ ދާއިރާއިން 1,695 އުފެއްދުމެއް ހިމެނެއެވެ. ދެވަނައަށް ގިނަ އުފެއްދުން ހުރީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިންނެވެ. އެއީ 920 އުފެއްދުމެވެ. ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުގެ އުފެއްދުންތައް ވެސް މައުރަޒުގައި ހިމެނެއެވެ.
ތަކެތި ދައްކާލުމަށް މިފަހަރު ހަތް ޑިސްޓްރިކްޓެއް ގާއިމުކޮށްފައިވެއެވެ. ކުރީ އަހަރު ހުރި ފަސް ޑިސްޓްރިކްޓާއެކު، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓާއި އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓް މިއަހަރު އަލަށް އިތުރުކޮށްފައިވެއެވެ. ވާދަކުރުމުގެ ބައިގެ ތަކެތި، ކްރިއޭޓިވް އިކޮނޮމީ، ޑިޖިޓަލް އެންޑް އިނޮވޭޓިވް، އެންޓަރޓައިންމަންޓް އަދި މާކެޓްޕްލޭސް ޑިސްޓްރިކްޓް ވެސް މައުރަޒުގައި ހިމެނެއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، ދިވެހި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ އުފެއްދުންތައް އެއްތަނަކުން ފެންނާނެ އިންތިޒާމު ހަމަޖައްސައިދީ، އުފެއްދުންތެރިންގެ އަގު ވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުންތައް ކުރިއަށް ގެންދިއުމަށް މި މައުރަޒު ބާރަކަށް ވެގެންދާނެއެވެ.
ނުވަ ދުވަހަށް ބާއްވާ މައުރަޒު، މިމަހުގެ 25 އިން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 23:00 އާ ހަމައަށް އާންމުންނަށް ހުޅުވާލެވިފައި ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް