ފުނަދޫ އަލިފާނުގެ ހާދިސާ: އާންމު ހާލަތަށް އަވަހަށް ރުޖޫއަ ވާނެ ކަމަށް އުންމީދު ކުރަން: ރައީސް

25 Oct 2026 | 15:17
ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވެފައި -- ފޮޓޯ: ޕޮލިސް

ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވެފައި -- ފޮޓޯ: ޕޮލިސް

ށ. ފުނަދޫގައި މިއަދު ހެނދުނު ރޯވި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަށް އެދި، ގެއްލުންވި ފަރާތްތައް އަވަހަށް އާންމު ހާލަތަށް ރުޖޫޢަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެ ހާދިސާގެ ޚަބަރު އަޑުއެހުނީ ވަރަށް ބޮޑު ކަންބޮޑުވުމާއި ހިތާމައާއެކު ކަމަށެވެ. މިފަދަ ހާލަތްތަކުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށް، ރައްކާތެރިކަން މިންވަރުކޮށްދެއްވުމަށް އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކުއްލި ހާލަތުގައި ވަގުތުން ޢަމަލުކޮށް، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށް އެހީތެރިވި ފަރާތްތަކަށް ރައީސް ޝުކުރު ދެންނެވިއެވެ. އޭގެ ތެރޭގައި ޤައުމީ ދިފާޢީ ބާރާއި ފުލުހުން، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓާއި ޖޭ ޑަބްލިއު މެރިއޮޓްގެ ފަޔާ އެންޑް ރެސްކިއު ޓީމުތައް، ށ. އަތޮޅު ހޮސްޕިޓަލް، ޤައުމީ ކެޑެޓްކޯ، ފުނަދޫ ކައުންސިލް، ސަރުކާރުގެ އިދާރާތަކާއި ފުނަދޫގެ ރައްޔިތުން ހިމެނެއެވެ.

"މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮ ކަމަށް އެދެން. އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް، މާތްﷲގެ ހެޔޮ ރަހްމަތްފުޅާއެކު އާންމު ހާލަތަކަށް އަވަހަށް ރުޖޫއަވާނެ ކަމަށް އުންމީދުކުރަން. މި ހުރިހާ ފަރާތްތަކުގެ ލޮބުވެތި އާއިލާތަކަށް ވެސް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކުރައްވާށި،" ރައީސް ވިދާޅުވިއެވެ.

ފުނަދޫ ބަނދަރު ސަރަހައްދުގައި މީހަކު ހިންގާ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވީ ހެނދުނު 8:15 ހާއިރުއެވެ. އެ އަލިފާން ކޮންޓްރޯލް ކުރެވުނީ މެންދުރު 12:00 ހާއިރުއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރު (އެންޑީއެމްއޭ) އިން ބުނީ، އަނިޔާވި 18 މީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

މި ޙާދިސާގައި ޢެއް ގެ އެެއްކޮށް އެނދި އިރު ފަސް ގެއަކަށް އަލިފާނުގެ އަސަރުކޮށް، ރައްކާތެރިކަމުގެ ގޮތުން 33 މީހަކު އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް