ވަޓްސްއެޕު ސްކޭމަކުން 32،000 އަތުލި މައްސަލައެއްގަ ތިން މީހުން ހައްޔަރުކޮށްފި

25 Oct 2026 | 14:52
ހައްޔަރު ކުރި މީހުން --

ހައްޔަރު ކުރި މީހުން --

ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން 32,000 ރުފިޔާ އަތުލި ސްކޭމެއްގެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށް މުއްދަތު ޖަހައިފި އެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މި މައްސަލައިގަ ފުލުހުން ވަނީ ތިން މީހުން ހައްޔަރުކޮށްފައި އެވެ.

ހައްޔަރުކުރި މީހުންނަކީ ހ. ވެލަސްފަރުގެ، ހުސައިން ސާމިރު، 40، ދަފްތަރު ނަންބަރު ރސ 6007، މުހައްމަދު ރީހާން، 33، އަދި ހ. ޖޯޖެޑްވިލާ، އަހްމަދު ސުޖާއު، 46، އެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން ހުސައިން ސާމިރާއި އަހްމަދު ސުޖާއު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި މުހައްމަދު ރީހާން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ ހަތް ދުވަހަށެވެ.

ފުލުހުން ވަނީ ސްކޭމްތަކުން ސަލާމަތްވުމަށް ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި އޯޓީޕީ ކޯޑު އެހެން މީހުންނަށް ނުދިނުމަށް އެދިފައިވެއެވެ. އޮންލައިންކޮށް ވިޔަފާރިކުރާއިރާއި ފައިސާގެ މުޢާމަލާތު ކުރާއިރު، އަނެއް ފަރާތުގެ ޞައްޙަކަން ކަށަވަރުކުރުމަށާއި ޒާތީ މަޢުލޫމާތާއި ބޭންކިން ތަފްޞީލު ހިއްސާނުކުރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މަކަރާއި ހީލަތުގެ ޢަމަލެއް ފާހަގަކުރެވިއްޖެނަމަ، ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ލަސްނުކޮށް ރިޕޯޓުކުރުމަށް ފުލުހުން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް