ބޮޑު ރޭޕްގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

25 Oct 2026 | 10:01
ރޭޕް މައްސަލައިގަ ހައްޔަރު ކުރި މީހުން -- ފޮޓޯ: ޕޮލިސް

ރޭޕް މައްސަލައިގަ ހައްޔަރު ކުރި މީހުން -- ފޮޓޯ: ޕޮލިސް

ދެކުނުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކު ރޭޕްކޮށް އަނިޔާކުރި މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އެ މައްސަލައިގަ ނުވަ މީހުން ހައްޔަރު ކުރިކަން ފުލުހުން ހާމަކުރީ އިއްޔެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުޙައްމަދު މައިސަން ޝިޔާޒު (21އ) އާއި އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ނަޖުމުﷲ ޙަސަން (35އ) އާއި ޢާޒިމް މުފީދު (24އ) އާއި ޢަލީ ޙުޒާމް ސަޢީދު (31އ) އާއި މުޙައްމަދު ޞާލިޙު އަޙްމަދު (26އ) އާއި އަޙްމަދު ނޫޙު ނިޔާޒު (20އ) އާއި މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) އަދި އަޙްމަދު ޞާނިޖު ޞާދިޤު (32އ) އެވެ.

މައްސަލައިގެ ބާވަތުން ހައްޔަރު ކުރި މީހުންގެ ރަށްތަކެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުޙައްމަދު ޞާލިޙު އަޙްމަދު (26އ) އާއި، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) އާއި، ނަޖުމުﷲ ޙަސަން (35އ) އަދި އަޙްމަދު ނޫޙު ނިޔާޒު (20އ) 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެއިތުރުން މުޙައްމަދު މައިސަން ޝިޔާޒު (21އ) 10 ދުވަހަށް، ޢާޒިމް މުފީދު (24އ) 15 ދުވަހަށް، އަޙްމަދު ޞާނިޖު ޞާދިޤު (32އ) 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ކުރި އެވެ.

މީގެ އިތުރުން މި މައްސަލައިގަ ހައްޔަރުކޮށްފައިވާ އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ޢަލީ ޙުޒާމް ސަޢީދު (31އ) ބަންދުކުރަން އަމުރުކޮށްފައިވަނީ 90 ދުވަހަށެވެ.

މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރި ވަމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނާ ގޮތުގައި، މި މައްސަލަ ބަލަމުން ދިޔައިރު ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވެއެވެ. މި ތުހުމަތުތަކާ ގުޅިގެން މި ކޭހަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ މައްސަލައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް