ސައުތު ސެންޓަރަލް ޕޮލިސްގެ ސަރަހައްދުގެ ރަށެއްގައި ތިން އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީ ދެ ސުކޫލު ޓީޗަރަކު ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ހާމަކުރި ދެ މައްސަލައިގެ ތެރެއިން ފުރަތަމަ މައްސަލައަކީ 16 އަހަރުގެ އަންހެން ކުއްޖަކަށް ޓީޗަރަކު ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 2026 އޮކްޓޫބަރު 11 ވަނަ ދުވަހުއެވެ. އޭގެ ތިން ދުވަސްފަހުން، އޮކްޓޫބަރު 14 ވަނަ ދުވަހު، 52 އަހަރުގެ ބިދޭސީ ފިރިހެނަކު ކޯޓު އަމުރަކާއެކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެއެވެ. ބަންދުގެ މުއްދަތު ކަނޑައެޅުމަށް އޭނާ ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ ބަންދު ކޯޓުން ދީފައިވެއެވެ.
ދެވަނަ މައްސަލައިގައި ޓީޗަރަކު ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވެނީ 12 އަހަރާއި 13 އަހަރުގެ ދެ އަންހެން ކުއްޖަކަށެވެ. އެ މައްސަލަ ހުށަހެޅިފައިވަނީ 2026 އޮކްޓޫބަރު 17 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ވެސް 52 އަހަރުގެ ބިދޭސީ ފިރިހެނަކު ކޯޓު އަމުރަކާއެކު ހައްޔަރުކުރީ އޮކްޓޫބަރު 23 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.
ދެވަނަ ޓީޗަރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 30 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ދެ މައްސަލަވެސް ހިނގާފައިވަނީ ސައުތު ސެންޓަރަލް ޕޮލިސްގެ ސަރަހައްދުގައި ހިމެނޭ ރަށެއްގައި ކަމަށާއި، ތުހުމަތުކުރެވޭ ދެ މީހުންނަކީވެސް ސުކޫލު ޓީޗަރުން ކަމަށް ފުލުހުން ބުނެއެވެ.
މިއީ ދެ ސްކޫލެއްގެ މައްސަލަތަކެއްކަން އަދި ނޫންކަން އަދި ސާފެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް