ފުނަދޫގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި، ހަ މީހަކު ފިހުނު، 16 މީހަކަށް ފަރުވާ ދެނީ،

25 Oct 2026 | 07:34
ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައި --

ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައި --

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން ގަނޑު ކޮންޓްރޯލްކޮށްފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރުން ބުނީ އަލިފާނގަނޑު ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް އެ ތަނުން އަދިވެސް އެއްޗެއްހި ގޮވާ އަޑު އިވޭ ކަމަށެވެ. އާންމުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރު ފަހުން އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނު އިރު މި ހާދިސާގައި 16 މީހަކަށް އެކި އަނިޔާތައް ލިބިގެން ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނަކާއި 12 ފިރިހެނުންނެވެ.

ށ. އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ފިހިގެން ގެންދިޔަ ހަ މީހަކާއި ދުމުގެ އަސަރުކޮށްގެން ފަރުވާ ދެމުންދާ ހަ މީހަކު ކަމަށެވެ. އަދި ހޭނެތިގެން ހަތަރު މީހަކަށް ފަރުވާ ދެމުންދާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އަލިފާންގަނޑު ފެތުރި ޕެޓްރޯލް ޝެޑު ހުރި ސަރަހައްދުގައި ހުރި ގެއެއް ވަނީ އެއްކޮށް އަނދާފައި އެވެ. އިތުރު ތިން ގެއަކަށް އަލިފާނުގެ ހާދިސާގައި ގެއްލުންވި އެވެ. އެންޑީއެމްއޭއިން ބުނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރީ އެމްއެންޑީއެފާއި، ފުނަދޫ އެއާޕޮޓޫ ފަޔާ ފައިޓަރުންނާއި ށ. އަތޮޅުގައި އޮންނަ މެރިއޮޓް ވަނގަރު ރިސޯޓުގެ ފަޔަ ފައިޓަރުންނާއި ރައްޔިތުންނާއި ފުލުހުންގެ މަސައްކަތުންނެވެ. މި ހާދިސާގައި އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި އެވެ.

ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އަތޮޅު ހޮސްޕިޓަލްގެ ހެނދުނު އޯޕީޑީގެ ހިދުމަތް މެދުކަނޑާލައި ހަމަ އެކަނި ދީފައިވަނީ އެމަޖެންސީ ހިދުމަތްތަކެވެ. އަދި ސްކޫލްގެ ކިޔެވުންވެސް މެދުކަނޑާލި އެވެ.

މީގެ އިތުރުން ފުނަދޫ އެއާޕޯޓުގެ ހިދުމަތަށްވެސް ވަނީ ފަޔާ ފައިޓަރުން އަލިފާން ނިވުމުގައި ހަރަކާތްތެރިވާން ޖެހުމުން ބުރޫ އަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް