ވިއެޓް ޖެޓުގެ ފްލައިޓެއް --
ވިއެޓްނާމުގެ ބަޖެޓު އެއާލައިނެއް ކަމަށްވާ ވިއެޓްޖެޓުން ޕީކް ސީޒަނާ ދިމާކޮށް ރާއްޖެއަށް ސީދާ ދަތުރު ތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މިދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ޓޫރިޒަމްގެ އެންމެ ޕީކް ދުވަސްވަރު ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. މިދަތުރުުތައް ކުރުމަށް ހަމަޖެހިފައިވަނީ ވިއެޓްނާމްގެ ހޯ ޗީ މިން ސިޓީން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް އަދި ކޮލަމްބޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
އެ އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރާނެ އެވެ. އެއީ ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.
މި ރޫޓް ތައާރަފުކުރުމާ ގުޅިގެން ވިއެޓްޖެޓުން ވަނީ 8 އިން 10 އޮކްޓޫބަރު 2026 އަށް "ގޯލްޑަން ޑޭސް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ހިންގަން ފަށައިފައެވެ. އެ ޕްރޮމޯޝަނުގެ ތެރެއިން ޓިކެޓް ފެއާ ހިލޭ ލިބޭ "ޒީރޯ ފެއާ" އިކޮނޮމީ ޓިކެޓްތައް ދޫކުރަމުން ދާ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގައި ވިއެޓްނާމް އޮތީ 65 ވަނައިގައެވެ. މިދިޔަ އަހަރު އެ ގައުމުން 2،813 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި އިރު، 2024 ވަނަ އަހަރު އެ އަދަދު ހުރީ 2،916 ގައެވެ.
ޓޫރިޒަމް ދާއިރާ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ދަތުރުތަކާ އެކު ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެއެވެ. އަދި ވިއެޓްނާމަކީ މިހާރު ދިވެހިންގެ މެދުގައި ޗުއްޓީ ހޭދަ ކުރަންދާ ގައުމުތަކުގެ ލިސްޓަށް އިތުރުވަމުންދާ ގައުމެއް ކަމުން އެ ގައުމަށްވެސް މި ދަތުރުތަކުން ފައިދާ ކުރާނެ ކަމަށް ލަފާ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް