މޯދީއަށް ސިހުރު ހަދާ ކަމަށް ބުނެ އާންމުވި ފޮޓީތައް --
އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ދޮގްރީގަތްގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފޮޓޯއަކަށް ސިހުރު ހެދި ކަމުގެ ތުހުމަތަކާއި އެކު ފުލުހުން މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
މި މައްސަލަ ރަޖިސްޓްރީކޮށް، ތަހުގީގު ކުރަން ފެށީ އުއްތަރްޕްރަދޭޝްގެ ފުލުހުންގެ އަމިއްލަ އިސްނެގުމަށެވެ. މި މައްސަލަ ތަހުގީގުކުރަނީ ބާރަތިޔަ ނިޔާއި ސަންހިތާގެ 353(2) ވަނަ މާއްދާގެ ދަށުން ކަމަށްވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސިހުރު ހަދަން ތައްޔާރުކޮށްފައިވާ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވީ މިމަހުގެ 23 ވަނަ ދުވަހު އެވެ. ޖެހިގެން އައިދުވަހު ފުލުހުން ތަހުގީގު ފަށައި ބުނެފައިވަނީ މި ހާދިސާގެ ފަސް ފަހަތް ހޯދައި ކަން ކުރި ބަޔަކު ހޯދާނެ ކަމަށެވެ.
އެގޮތުން ސީސީޓީވީ ފުޓޭޖާއި އެހެނިހެން އިލެކްޓްރޯނިކް ހެކި ބަލަމުން ގެންދާ ކަމަށް ދޮގްރީގަތް ފުލުހުން ބުނެ އެވެ. އަދި އެ ތަކެތި އެތަނުގައި ބެހެއްޓީ ކާކުކަމާއި، ފޮޓޯތަކާއި ވީޑިއޯ ހަދައި ފެތުރީ ކާކުކަން ތަހުގީގުން ހޯދަމުންދާ ކަމަށް ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި ފެތުރުނު ފޮޓޯތަކުގައި ފެންނަނީ ދޮހްރީގަޓްގައި ހުންނަ މުހިންދޫ ދީނުގެ މީހުން މަރުވުމުން އަންދާ ސަރަހައްދެއްގައި ކާށި، ލުނބޯ، ރަތް ވައުދަޅާއި ރަތްކުލައިގެ ސިންދޫރު ނަމަކަށް ކިޔާ ކުލައެއް ހުރި މަންޒަރެވެ
މި ތަކެތި ބޭނުންކޮށްގެން މޯދީއަށް ސިހުރު ހެދި ކަމަށް ބުނެ ވާހަކަ ދައްކަނީ އެ ސަރަހައްދުގެ އާންމުންނެވެ. ނަމަވެސް އެއީ ހަގީގަތުގައިވެސް ކުރި ކަމެއްކަން އަދި ސާބިތު ކުރެވިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް