މޯލްޑިވްސް އެކްސްޕޯ 2026" ގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ދިވެހި އުފެއްދުންތަކުގެ މިއަހަރުގެ މައުރަޒުގައި ކުރިން ނުފެންނަހާ ގިނަ އަދަދެއްގެ އުފެއްދުންތައް ބައިވެރިކޮށް މިއަހަރަކީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މައުރަޒަށް ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" ގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، މިއަދު ރަސްމީކޮށް ހުޅުވާ މައުރަޒުގައި 600 ބައިވެރިއަކު އުފައްދާފައިވާ 4,400 އުފެއްދުން ފެނިގެންދާނެ ކަމަށެވެ. މިދިޔަ އަހަރު ބޭއްވި މައުރަޒުގައި ބައިވެރިވީ 240 މީހަކު އުފެއްދި 2,467 ޕްރޮޑަކްޓެވެ.
އެހެންކަމުން މިއަހަރުގެ މައުރަޒަކީ ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ މައުރަޒަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އަދި މި ޕްރޮޑަކްޓްތައް ބައިވެރިކުރުމުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވެފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. 240 މީހުން މިދިޔަ އަހަރު 2467 ޕްރޮޑަކްޓަށް ކޮންޓްރިބިއުޓް ކުރިއިރު މިއަދު އެ އަދަދު ވަނީ 600 ފަރާތަކަށް އިތުރުވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ މައުރަޒުތަކުގައި ހިމެނިފައި ހުރީ ފަސް ޑިސްޓްރިކްޓެވެ. މިފަހަރު ވިޒިޓަރ އިކޮނޮމީ އާއި އިންޓަނޭޝަނަލް ޑިސްޓްރިކްޓް ކިޔާ ދެ ޑިސްޓްރިކްޓް އިތުރުކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓަކީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އިންވެސްޓްމަންޓްތަކުން ފެށިގެން އެންމެ ކުދި އިންވެސްޓްމަންޓްތަކާ ހަމައަށް ހުޅުވިގެންދާ ދޮރެއް ކަމަށް އެކަލޭގެފާނު ސިފަކުރެއްވިއެވެ. އިންޓަނޭޝަނަލް ޑިސްޓްރިކްޓުން ބޭރުގެ އާދަޔާ ހިލާފު އީޖާދުތައް ދެކި، އެ ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ވަރަށް އާދަޔާ ހިލާފު ޓެކްނޮލޮޖީ މިފަހަރުގެ އެކްސްޕޯ އިން އިންޓަނޭޝަނަލް އެގްޒިބިޓަރުންގެ ފަރާތުން ފެނިގެންދާނެ. ރާއްޖޭގެ އިންޑަސްޓްރީތަކަށް ވެލިއު އެޑްކުރެވިދާނެ އީޖާދީ އުކުޅުތައް، ޓޫލްސްތައް ފެނިގެންދާނެ. އެހެންވީމަ އެ ފަރާތްތަކާ ވެސް ގުޅުވަދެމުން މިދަނީ،" ސައީދު ވިދާޅުވިއެވެ.
2040 ވަނަ އަހަރާ ހަމައަށް ރާއްޖެއިން ބޭރުން ލިބެންހުރި ބިނާކުރަނިވި ފައިދާތައް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ރައްޔިތުންގެ މުސްތަޤްބަލާއި ފުއްދުންތެރިކަމަށްޓަކައި އެ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް