އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓްލާ ދުވަސް އަންނަ މަހުގައި އިއުލާންކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިހާރު ހިނގަމުންދާ 19ވަނަ ރައްޔިތުން މަޖިލީހުގެ ދައުރު އަންނަ އަހަރުގެ މޭ 28 އަށް ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރައްމުން ގެންދަވަނީ އަންނަ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކުގެ އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓް ނިންމުމުގެ މަސައްކަތެވެ. އަދި އެ މަސައްކަތް ނިމުމުން ދާއިރާތަކަށް ވޯޓްލުމުގެ ހައްގުލިބިގެންވާ މީހުންގެ ލިސްޓްތައް ތައްޔާރުކޮށް ދުރާލާ އެ ލިސްޓްތައް އާޢްމުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެކޮމިޝަނުން ވިދާޅުވެފައިވެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ގާނޫނުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވޭނީ އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅުގައި ކަމަށެވެ. އަދި އިންތިޚާބުގެ ވޯޓްލުން އޮންނަ ދުވަސް ރޯދަމަހާ ދިމާވުން ވަރަށް ގާތްކަމަށާއި ވޯޓްލުން އޮންނާނެ ދުވަހެއް އަންނަމަހުގެ ތެރޭގައި އިޢުލާންކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
މީގެ އިތުރަށް، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް 6 ވަނަ ދުވަހުއެވެ.
އެފަހަރު 87 މެމްބަރުން ހޮވަންޖެހޭ މަޖިލީހުގެ އިންތިޚާބަށް ހުޅުވާލުމުން، ޖުމްލަ 407 ކެންޑިޑޭޓުން ނަން ހުށައެޅިފައިވެއެވެ. އޭގެތެރޭގައި 9 ޕާޓީއަކުން ވާދަކުރި 217 ކެންޑިޑޭޓަކާއި އަމިއްލަގޮތުން ނަން ހުށައެޅި 190 ކެންޑިޑޭޓޫން ހިމެނެއެވެ.
ނަމަވެސް ވޯޓްގެ ކުރިން 16 ކެނޑިޑޭޓަކު ނަން އަނބުރާ ގެންދިޔައެވެ. އަދި އެކި ސަބަބުތަކާއި ހުރެ 5 ކެންޑިޑޭޓެއްގެ ކެންޑިޑަސީ ވަނީ ބާތިލުކޮށްފައެވެ.
19 ވަނަ ރައްޔިތުން މަޖިލީހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން 83 މެމްބަރުންނަކީ ފިރިހެނުންނެވެ. އަންހެން މެމްބަރުންގެ އަދަދަކީ 4 އެކެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 6 ގޮނޑި އިތުރުވާނެއެވެ. އެގޮތުން މަޖިލީހުގެ ގޮނޑީގެ އަދަދު 93 އަށް އަރާނެއެވެ.
އަލަށް އިތުރުވާ 6 ގޮނޑީގެ ތެރޭގައި އެންމެ ބޮޑު 2 ސިޓީކަމަށްވާ މާލޭ ސިޓީއަށް އިތުރުވާ 2 ދާއިރާއަކާއި އައްޑޫ ސިޓީއަށް އިތުރުވާ ދާއިރާއެއް ހިމެނެއެވެ. އަދި މީގެއުތުރުން މާލެއަތޮޅާއި ބ އަތޮޅާއި، ގއ. އަތޮޅަށްވެސް ދާއިރާއެއް އިތުރުވެއެވެ.
އަންނަ މަޖިލީހުގެ އިންތިޚާބުގެ ފޯރި މިހާރުވެސް ވަނީ ގަދަވާން ފަށާފައެވެ. އެންމެ ބޮޑު 2 ޕާޓީ އެމްޑީޕީ އާއި ޕީޕީއެމުން ވަނީ އައު މަޖިލީހުގައި ހިމެނޭ 93 ގޮޑިއަށް ވާދަކުރާނެކަން އިޢުލާންކޮށްފައެވެ.
މީގެއިތުރަށް، ރައީސް ނަޝީދު އިސްވެ އުފައްދައްވާފައިވާ ދަ ޑިމޮކްރެޓުންވެސް ހުރިހާ ގޮނޑިއަކަށް ވާދަކުރަން ވަނީ ނިންމާފައެވެ.
އަދި އަމިއްލަ ބައެއް ފަރާތްތަކުން އިންތިޚާބުގައި ވާދަކުރާނެކަން އާއްމުކޮށް ތާއިދު ހޯދުމުގެ މަސައްކަތް މިހާރުވެސް ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް