ރާއްޖެ މިއޮތީ އަސްކަރީގޮތުން އިސްތިއުމާރީ ބާރެއްގެ އަޅުވެތިކަމުގައި: ޔާމީން

ރާއްޖެ މިއޮތީ އަސްކަރީ ގޮތުން އިސްތިއުމާރީ ބާރެއްގެ އަޅުވެތި ކަމުގައި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅަށް މިއަދު ފެއް...

25 Oct 2022 | 16:34

ރާއްޖެ މިއޮތީ އަސްކަރީ ގޮތުން އިސްތިއުމާރީ ބާރެއްގެ އަޅުވެތި ކަމުގައި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ކެނދިކުޅުދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ މިއޮތީ އިންޑިއާގެ އަސްކަރީ އަޅުވެތިކަމެއްގައި ކަމަށެވެ. އޭގެ ހެކިތަށް ރާއްޖޭގެ އެކި ސަރަހައްދުން ފެންނަން ހުރިކަން ފާހަގަ ކުރައްވާ ވިދާޅުވީ ހަނިމާދޫ އެއާޕޯޓު އެމީހުންނަށް ދީ ރާއްޖޭގެ އެހެންވެސް މުހިންމު މަސައްކަތްތަކެއް އިންޑިއާއަށް ދިނުމަކީ އޭގެ ހެކިތައް ކަމަށެވެ.

ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދީފި ނަމަ ހަނިމާދޫ މީހުން އެރަށުން ބާލާނެ ކަމަށެވެ. އެއީ3،000 ކިލޯ މީޓަރަށް އެއާޕޯޓު ބޮޑުކުރަނީ އިންޑިއާގެ އަސްކަރީ ޖެޓުތައް ޖެއްސޭނެ ގޮތް ހަދަން ކަމަށާއި އެހިސާބަށް ދާއިރު އެ ރަށުގައި މި ސަރުކާރުގެ ބާރު ނޯންނާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތައް ފެނުނު ބައެއް ފަރާތްތައް އެބަތިއްބެވެ. އެމީހުން މައުލޫމާތު ދިން ގޮތުގައި އިންޑިއާ ސިފައިން ހަތިޔާރު ގެންގުޅުން އެ އެއްބަސްވުންތަކުން މަނާ ނުކުރާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެކަން މި ސަރުކާރުގެ ވެރިން ގަބޫލުނުކުރި ނަމަވެސް އެމީހުންނަށް އެކަމަށް ރައްދު ނުދެވޭކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރަތް ޓީޝާޓު (އިންޑިއާ އައުޓް ޓީޝާޓު) ދެކެ ސަރުކާރުގެ ވެރިން ބިރުގަންނަނީ އެހެންވެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދަކު ރާއްޖެއެއް ނެތް ކަމަށާއި, ރާއްޖޭގެ ސިޔާދަތެއް މި ވަގުތު ވެރިކަން ކުރާ ސަރުކާރުގައެއް ނެތް ކަމަށެވެ. ސަރުކާރުގެ ޝަރަފެއް ނެތް ކަމަށާއި, ދިވެހި ދިދައިގެ ކަރާމަތެއްނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް