މިދުވަސްވަރު ރާއްޖޭގައި އެންމެ ގަދަޔަށް އެންމެންގެ ތުންތުންމަތިން ވެސް ދެކެވެމުންދާ އެއް ވާހަކައަކީ ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމުގެ މައްސަލައިގައި ރާއްޖެއިން އެ ޤައުމާއި އެއްކޮޅަށް އަރަން ނިންމި ނިންމުމުގެ ވާހަކައެވެ.
އެގޮތުން ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ރާއްޖޭން އދ.ގައި ވޯޓު ދޭން އެއްބަސްވެފައިވާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ހާމަކުރެއްވިއެވެ.
މިއީ މީގެ ކުރިން ރާއްޖެއިން އަބަދުވެސް އިނގިރޭސިވިލާތާ އެއްކޮޅަށް ވޯޓު ދީފައިވާ މައްސަލައެކެވެ. އެގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ފޮނުވަން 2017ގައި އދ.ގައި ނެގި ވޯޓުގައި ވެސް ރާއްޖޭން މޮރިޝަސްއާ ދެކޮޅު ހެދިއެވެ. އަދި މޮރިޝަސްއާ އެއްކޮޅަށް އެ ކޯޓުން 2019ގައި ކުރި ހުކުމް ބަލައިގަންނަން އދ.ގެ އާންމު މަޖިލީހުން ފާސްކުރި އިރު ވެސް ރާއްޖޭން ވޯޓު ދިނީ އެ ރަށްތައް އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި ބޭއްވުމަށެވެ. އޭރު ދިވެހި ސަރުކާރުން ބުނީ މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި މިހާރު ރާއްޖޭގެ ސްޓޭންޑް މިވަނީ ބަދަލުވެފައެވެ. އެކަން ބަންޑާރަ ނައިބު ރިއްފަތު ވަނީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ބައިކޮށް ވަކިކުރުމާ ގުޅޭ ގޮތުން ކަމާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައިގައި، މިދިޔަ ބުރާސްފަތި ދުވަހު ހާމަ ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާ ކުރުމެއް ނެތި ސަރުކާރުން ނިންމި މި ނިންމުމަކީ މިހާރު ގިނަ ބައެއްގެ ކަންބޮޑުވުމާއި ފާޑު ކިޔުން ވެސް އަމާޒުވެފައިވާ ކަމެކެވެ. އެގޮތުން ސަރުކާރާ އިދިކޮޅު ފަރާތްތަކާއި އެއްކޮޅު ފަރާތްތަށް ވެސް މިކަމާ ގުޅޭގޮތުން ވަނީ އެތައް ކަންބޮޑުވުންތަކެއް އުފުލައި، މި ނިންމުމާއި ދެކޮޅަށް ބަސް ބުނެފައެވެ.
މިފަދައިން ބަސްބުނި އެއް ފަރާތަކީ ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރުއެވެ
މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް އިއްޔެ ހަވީރު ޑރ. މުއިއްުގެ ގެކޮޅު ކަމުގައިވާ މ. ދިމްޔާތު ސްޓޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުނައްވަރު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރުން ކުއްލި ގޮތަކަށް ކޮޅު ބަދަލުކުރަން ނިންމި ސަބަބެއް ގޮތުގައި ބެލެވެނީ އިންޑިއާ އިން ބޭނުންވެގެން ކަމަށެވެ. އޭނާ ވިދާޅުވީ މޮރިޝަސް މައްސަލައިގައި ރާއްޖޭގެ ނިންމުން ބަދަލު ކުރުމުގެ ފައިދާ ކުރާނީ އިންޑިއާއަށް ކަމަށެވެ.
ޑރ. މުނައްވަރުގެ މިވާހަކަތަށް ގިނަ ބަޔަކަށް ޤަބޫލު ކުރެވުނު ކަމުގައި ވިޔަސް، މިކަމާ ދެކޮޅު ހަދައި، އެމަނިކުފާނަށް ފާޑުކިޔާ މީހުން ވެސް މަދެއް ނޫނެވެ.
އެގޮތުން ޑރ. މުނައްވަރު އިއްޔެ ދެއްކެވި ވާހަކަފުޅަށް ޓްވިޓާގައި އެތައް ބަޔަކު ވަނީ ފާޑުކިޔުން އަމާޒުކޮށް ރައްދު ދީފައެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނީ، ޑރ. މުނައްވަރު އެވާހަކަތަށް ދައްކަވާފައިވަނީ "ލާރިޔާ ހެދި މޮޔަވެގެން" ކަމަށާއި "ނިވިދިއްލޭ ބޮތްކެއްހެން ލާރި އޮންނަ ދިމާލަކުން އޭނާ ދިއްލޭނެ" ކަމަށެވެ.
މީގެއިތުރުން ލޯ ފާމެއް ހިންގަން ފައިސާ ނެތީމަ ޑރ. މުނައްވަރު މިހާރު ދިމާކޮށްފައިވަނީ ދައުލަތް "ދަވާލަން" ކަމަށާއި ޑރ. މުނައްވަރަށް މަންފާއެއް ނުވާ ގޮތަށް މީގެ ކުރިން ވެސް މައްސަލައެއް ކުރިއަށް ދާތީ އެމަނިކުފާނު ނުކުންނެވީ ބަގާވާތެއް ކުރެވޭތޯ ކަމަށް ވެސް މީހަކު ކޮމެންޓު ކޮށްފައިވެއެވެ.
ބައެއް މީހުން ތުހުމަތު ކޮށްފައިވާ ގޮތުގައި ޑރ. މުނައްވަރު ސަރުކާރާ ދެކޮޅަށް އިއްޔެ އެވާހަކަތަށް ދެއްކެވީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނު އަރިހު އެވާހަކަތަށް ދެއްކުމުންނެވެ. އެގޮތުން އެފަރާތްތަކުން ބޭނުންވަނީ ޑރ. މުނައްވަރުގެ "ބޮލަށް ޗިޕު ޖަހައިގެން" ބަގާވާތެއް ކުރަން ކަމަށް ވެސް ބުނެފައިވެއެވެ.
ޑރ. މުނައްވަރުގެ ވާހަކަތަކަށް ފާޑު ކިޔުން އަމާޒުވެފައިވީ ނަމަވެސް، ބައެއް މީހުން ވަނީ އެމަނިކުފާނާ އެއްކޮޅަށް ވެސް ވާހަކަ ދައްކައި ސަރުކާރަށް ފާޑު ކިޔައިފައިވެއެވެ. އެގޮތުން ކޮމެންޓު ކުރި މީހުންގެ ތެރެއިން އެކަކު ބުނެފައިވަނީ ފޯޅަވަހި މައްސަލައިގައި މި ސަރުކާރުގެ ރޭވުން އެނގުމުން ގައިން ހީބިހި ނަގައިގެން ދިޔަ ކަމަށާއި ޤައުމިއްޔަތުކަން އެނގޭ ގިނަ ދިވެހީން ނެތް ކަމަށެވެ. އަދި މިކަމުގެ އަސްލު މައްސަލައަކީ ރާއްޖެ ތަމްސީލު ކުރާނެ ވަކީލުންގެ ޓީމުގައި ޑރ. މުނައްވަރު ހިމަނާފައި ނެތުން ކަމަށް ވެސް އެކަކު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް