އިނގިރޭސިވިލާތުގެ ތާރީހުގައި ބޮޑުވަޒީރުކަން ފުރަތަމަ ފަހަރަށް ހިންދޫއަކަށް ލިބުނީ މިއަދު އެވެ.
އެކަމާއި އިނގިރޭސިވިލާތުގެ ރައްޔިތުންނަށްވުރެ ބޮޑަށް އުފާފާޅު ކުރަމުން ދަނީ އިންޑިއާ ރައްޔިތުންނެވެ. އެއީ އިންޑިއާގެ 70 ޕަސެންޓަށް ވުރެ ގިނަ މީހުން އަޅުކަން ކުރާ ހިންދޫ ދީނުގެ މީހަކަށް އެ މަގާމު ލިބުމުންނެވެ.
ރިޝީ ސުނަކް އަކީ ކެންޔާއިން އިނގިރޭސިވިލާތަށް ހިޖުރަކުރި އާއިލާއަކަށް ނިސްބަތްވޭ ބޭފުޅެކެވެ. އޭނާ ހިންދޫއެއް ނަމަމެސް އުފަންވެފައިވަނީ އިނގިރޭސިވިލާތަށެވެ. އެކަމަކު އޭނާއަށް އިނގިރޭސިބޮޑުވަޒީރުކަން ލިބުމުން ބައިނަލްއަގުވާމީ މީޑީއާ، ހާއްސަކޮށް އިންޑިއާ މީޑިއާގައި އޭނާ ސިފަކުރަމުން ދަނީ އިންޑިއާ ދަރިކޮޅު މީހެއްގެ ގޮތުގައި އެވެ.
އެއީ އޭނާގެ މަންމަ އާއި ބައްޕަގެ އާއިލާގެ ދަރިފަސްކޮޅު އިންޑިއާ އާއި ގުޅިފައިވާތީ އެވެ.
އިންޑިއާ ރައްޔިތުންނާއި އިންޑިއާ މީޑިއާއަށް ޖޯކުޖަހައި ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވަނީ އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޝީއަށް ބޮޑުވަޒީރުކަން ލިބުނުކަން ހާމަކޮށް ލިޔުނު ހަބަރުގައި "ހިންދޫ" އަކަށް ވެރިކަން ލިބުނީކަން ފަސް ފަހަރު ހިމަނާފައިވާ ކަމަށެވެ. އަދި އިނގިރޭސި އާ ބޮޑުވަޒީރަކީ "ފަހުރުވެރި ހިންދޫ" އެއް ކަމަށް އިންޑިއާގައި މީޑިއާގައި ނޫސްތަކުގައި ބޮޑު ސުރުހީގައި ޖަހަމުންދާ ކަމަށް ބުންޏެވެ.
މީގެ އިތުރުން ބައެއް އިންޑިއާ ނޫސްތަކުން ވަނީ ރިޝީއަށް އިނގިރޭސި ބޮޑުވަޒީރުކަން ލިބުމަކީ މިހާޜު އެ ގައުމުގައި ފާހަގަ ކުރަމުންދާ ހިންދޫންގެ އީދު ކަމަށްވާ ދިވާލީގައި ލިބުނު އެންމެ ބޮޑު ހަދިޔާ ކަމަށް ބުނެފައި އެވެ. އިންޑިއާއިން ގަބޫލު ކުރާގޮތުގައި އޭނާގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ވަރަށް ރަނގަޅުވާނެ އެވެ.
އިންޑިއާ މީހުން މިހާ އުފާވަނީ އޭނާ އިނގިރޭސިވިލާތުގެ މަޖިލިސް މެމްބަރުކަމުގެ ހުވާ ކުރެއްވި ދުވަހު އެއީ ފަހުރުވެރި ހިންދޫއެއް ކަމަށްބުނެ ހިންދޫންގެ ދީނީ ފޮތެއްގައި އަތް ޖަހައި ހުވާ ކޮށްފައިވާތީ އެވެ. އިނގިރޭސިވިލާތުގެ ދައުލަތަކީ ކްރިސްޓިއަން ދައުލަތަކަށް ވާތީ އެ ގައުމުގައި މަގާމުތަކުގެ ހުވާ ބޭބޭފުޅުން ކުރައްވަނީ ބައިބުލްގައި އަތް ޖަހައިގެންނެވެ.
ރިޝީއަކީ އިނގިރޭސިވިލާތުގައި މިދިޔަ 200 އަހަރު ތެރޭގައި ބޮޑުވަޒީރުކަން ކުރާ އެންމެ ހަގު މީހާ އެވެ. އުމުރުން 42 އަހަރުގެ ރިޝީގެ އަނބިކަނބަލުންނަކީ އިންޑިއާގެ ބިލްގޭޓްސްގެ ނަމުން މަޝްހޫރު އެންއާރް ނަރަޔަން މުރްތީގެ އަންހެން ދަރިއެއް ކަމަށްވާ އަކްޝަތާ މުރުތީ އެވެ.
ދެމީހުންނަށް ދެ އަންހެން ދަރިން ލިބިފައިވާއިރު ރިޝީގެ ދެމަފިރިންނަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ރާނީ ކެމީލާ އަށްވުރެ މުއްސަނދި ދެމަފިރިންނެވެ. ރިޝީ އާއި އަކްޝަތާގެ މިލްކިއްޔާތުގައި 730 މިލިއަން ޕައުންޑްގެ މުދަލާއި ފައިސާ އެބަހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް