އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ހުރިހާ މެމްބަރުން އެންމެ ޝައުގުވެރިވާ ކުޅިވަރަކީ އަސް ދުއްވުމެވެ.
ރިޕޯޓުތައް ބުނާގޮޮތުގައި އަސްދުއްވައިގެންނާއި އަސް ދުއްވަން ދަސްކުރުމުގެ ތެރޭގައި އެ އާއިލާގެ ގިނަ މެމްބަރުންނަށް ވަރަށް ގިނައިން އަނިޔާވެފައިވެ އެވެ. އެކަމަކު ލަކުނުލައި ހިތުން ނުފިލާވަރުގެ އަނިޔާއެއް ނުލިބޭ ކަމަށްވެ އެވެ.
އެކަމަކު އެގައުމުގެ އާ ވަލީއަހުދު ޕްރިންސް ވިލިއަމް އަށް ވަނީ އެހެން ކުޅިވަރެއްގެ ތެރެއިން ހަނދާން ނުފިލާވަރުގެ ޒަހަމެއް ލިބިފައި އެވެ. ދާދި ފަހުން ބީބީސީގެ ޕްރޮގްރާމެއްގައި ކެންސަރު ޖެހިފައިވާ ކުއްޖަކާއި ވާހަކަ ދައްކަމުން ވިލިއަމް ވިދާޅުވީ އޭނާއަށް އެ އަނިޔާ ލިބުނީ އުމުރުން އެންމެ 10 އަހަރުގައި ކަމަށެވެ.
އެ ދުވަހު ޕްރިންސް ވިލިއަމް ކުޅެން ހުރީ ރަހުމަތްތެރިއަކާއި އެކު ގޮލްފް ކަމަށް ވިދާޅުވެފައިވެ އެވެ. ވިލިއަމް ވިދާޅުވީ ދެ ކުދިން ކުޅެމުންދަނިކޮށް އައި ދިމާލެއް ނޭނގި އޭނާގެ ނިތްކުރީގައި ޖެހުނީ ދަގަނޑު ގޮލްފް ސްޓިކެއް ކަމަށެވެ.
އެ ހާދިސާގައި އޭނާގެ ނިތްކުރި ފަޅައިގެން ގޮސް ފުން ޒަހަމްތަކެއް ލިބުނު ކަމަށާއި އެޑްމިޓްކޮށްގެން ހަފްތާއެއް ވަންދެން ހޮސްޕިޓަލްގައި ފަރުވާ ދިން ކަމަށް ބުންޏެވެ. އަދި ޑޮކްޓަރުން ވަނީ އެ ހާދިސާގައި ނިތްކުރީގައި ލީ ލަކުނު ދިގު މުއްދަތަކަށް އިންނާނެ ކަމަށް ބުނެފައި އެވެ.
އޭނާ ވިދާޅުވީ އެ ލަކުނު އަދިވެސް ކައިރިން އޭނާއަށް ބަލާ މީހަކަށް އެނގޭނެ ކަމަށެވެ.
ޕްރިންސް ވިލިއަމްއަކީ އިނގިރޭސިވިލާތުގައި ތަފާތު ބަލިތައް ޖެހިފައި ތިބޭ މީހުންނާއި ކުދިން ކައިރިއަށް ޒިޔާރަތްކޮށް ގާތުން ހާލު ބައްލަވާ ބޭފުޅެކެވެ. އެ މަސައްކަތުން ގިނަ ބައެއްގެ ލޯބި އޭނާ ހޯދަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް