ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި އެންމެ ހުދުމުހުތާރުކޮށް ރައީސްކަން ކުރައްވަމުން ގެންދަވާ ބޭފުޅަކީ މުހައްމަދު ނަޝީދު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލަށް ހުށަހަޅާފައި އޮތް އިސްލާހަށް ބަހުސް ކުރައްވަމުންނެވެ. ރޮޒައިނާ ވިދާޅުވީ އޭނާގ ެ15 އަހަރުގެ މަޖިލީސް ތާރީހުގައި ދެކުނު އެންމެ ހުދުމުހުތާރު މަޖިލީހުގެ ރައީސަކީ ނަޝީދޭ ވިދާޅުވާން ޖެހުމުން ހިތާމަ ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރީގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ދެކޮޅަށްވެސް އިހުތިޖާޖު ކުރައްވާފައިވާނެ ކަމަށެވެ. އެކަމަކު، މި ދައުރުގެ ހަތަރު އަހަރު ވަންދެން ނަޝީދުގެ ހުދުމުހުތާރުކަމުގެ ވާހަކަ ނުދައްކަވައި މެމްބަރުން ތިއްބަވަނީ ކެތްކޮށްގެން ކަމަށާއި ނަމަވެސް މިހާރު އެ ވާހަކަ ނުދައްކަވައި ތިއްބެވޭކަށް ނެތް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އެގޮތުން މިއަދުވެސް މަޖިލީސް ފެށިގެން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ މަޖިލީހުގެ ގަވައިދަކީ އެމަނިކުފާނުގެ އެއްޗެއް ކަމަށް ވިދާޅުވެފައި ކަމަށާއި އެގޮތަށް އަމަލު ކުރަމުން ދާތަން ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ. އޭގެ ތަފްސީލް ދެއްވަމުން ވިދާޅުވީ ވަޒީރުން މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ކުރާ ސުވާލާއި މިނިސްޓަރު ދެއްވަން ޖެހޭ ޖަވާބުވެސް އެނގިވަޑައިގެންނަވަނީ ނަޝީދަށް ކަމަށެވެ.
އޭނާ ވަނީ ނަޝިދަކީ ކުރީގެ ރައީސް ކަމަށް ވިޔަސް ރައްޔިތުންގެ މަޖިލީހަކީ ރައީސް އޮފީސް ނޫން ކަމަށް ވިދާޅުވެފައި އެވެ. އޭނާ ވިދާޅުވީ ނަޝިދުގެ އަމަލުތައް ހުންނަނީ ގޭގެ ބަދިގޭގައި އުޅުއްވާހެން ކަމަށެވެ.
އެކަންކަން ރަނގަޅު ކުރުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އެތައް ފަހަރަކު ނަޝީދާއި މަޝްވަރާ ކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ.
ރޮޒައިނާ ނަޝީދަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވީ ޓެކްސާއި ގުޅިގެން މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގެ ވަގުތު އިތުރު ކުރުމަށް ހުށަހަޅައި ތާއީދު ލިބުމުންވެސް ނަޝީދު އެކަމަށް އިންކާރު ކުރައްވައި ހައްދަވާނެ ގޮތް އެނގިވަޑައިގެންނަވާނީ އެމަނިކުފާނަށް ކަމަށް މިއަދުގެ ޖަލްސާގައި ވިދާޅުވުމުންނެވެ.
ރޮޒައިނާގެ އިތުރުން މަޖިލީހުގެ އެމްޑީޕީގެ އެހެން މެމްބަރުން ވެސް ވަނީ ނަޝީދު އަމަލު ކުރައްވަމުންދާ ގޮތަށް ފާޑުވިދާޅުވެފައި އެވެ. އަދި އެއީ ހުދުމުހުތާރު ރައީސެއް ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް