ބާސްމަތީ ހަނޑުލެއް، މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ވިއްކާތީ އެ ހަނޑޫ ނުވިއްކުމަށާއި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެގޮތުން އެ އޮތޯރިޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕާކިސްތާނުގެ އުފެއްދުމެއްކަމުގައިވާ އަލް ޤަމަރު ގޯލްޑް ޕްރީމިއަމް އެރޯމެޓިކް ބާސްމަތީ ހަނޑޫގެ މުއްދަތު ހަމަވެފައިވާ ފަސް ކިލޯގެ ޕެކެޓު، މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ވިއްކަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
"މި އޮތޯރިޓީން ބެލިބެލުމުގައި އެ ޕެކްޓްގައިވާ މުއްދަތު ހަމަވާ ތާރީހު ހަމަވުމުން، އޭގެ މަތީގައި ސްޓިކާއެއް ހަރުކޮށް އެ ތާރީހަށް ބަދަލުގެނެސްފައިވެއެވެ." އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމަކީ އޭގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ގެއްލި އާއްމު ސިއްހަތަށް ނުރައްކާ ވުމުގެ ފުރުސަތު އޮތްކަމަށެވެ. އެހެންކަމުން އެ މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ކާބޯތަކެތި އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް