ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނ. އަތޮޅަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު މިއަދު ފައްޓަވާނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ޕީޕީއެމް އިން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެންމެފުރަތަމަ ވަޑައިގަންނަވާނީ ކެނދިކުޅުދޫ އަށް ކަމަށާއި އަދި މިއަދު ހަވީރު ހުޅުދޫއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ޔާމީން ގެ މި ދަތުރުފުޅުގައި ނ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ނިންމާފައިވާ ކަމަށް ޕީޕީއެމް އިން ކުރުންވަނީ ބުނެފަ އެވެ.
އަންނަ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ނިންމަވާފައިވާއިރު، އެ މަނިކުފާނު ގެންދަވަނީ ރާއްޖޭގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ނެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވަމުން ނެވެ.
މީގެ އިތުރުން ރައީސް ޔާމީން އަތޮޅުތެރެއަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކަކީ ޕީޕީއެމްގެ މެނިފެސްޓޯ އެކުލަވާލައި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.
ޕީޕީއެމް އިން ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހައިި ރަށަކަށް ވަޑައިގެންނުވަކީ ރައީސް ޔާމީން ވަރަށްބޮޑަށް އެދިވަދައިގަންނަވާ ކަމެއް ކަމަށެވެ.
ރައީސް ޔާމީން ފައްޓަވާފައިވާ މި ދަތުރުފުޅުގެ ސިލްސިލާގެ ތެރެއިން ދާދިފަހުން ވަނީ ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ވަޑައިގެންފަ އެވެ. އަދި އޭގެކުރިން އެމަނިކުފާނު ވަނީ ދ. ކުޑަހުވަދޫ އަށް ވެސް ވަޑައިގެންފަ އެވެ.
ޕީޕީއެމް އިން މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ޔާމީން، އައްޑު ސިޓީ އަށް ވެސް ވަރަށްއަވަހަށް ވަޑައިގަންނަވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް