ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ މަސްލަހަތު އިސްކޮށްގެން ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އިއްޔެ ވިދާޅުވީ ކުއްލިއަކަށް ސަރުކާރުން ކޮޅު ބަދަލު ކުރީ އިންޑިއާއިން ބުނެގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ސަރުކާރުން ކުރިން ދެކޮޅަށް އޮތުމަށް ފަހު މޮރިޝަސްއަށް ޗާގޮސް ދޭން ނިންމުމުގެ ފައިދާ ވާނީ އިންޑިއާއަށް ކަމަށ ްވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި މުއިއްޒު ވިދާޅުވީ އިޓްލޮސް އަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު ރާއްޖޭގެ ކޭސްގައި, ދޫތަކެއް ދީފައިވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ވަކީލުންގެ ރަނގަޅު ޓީމަކާ އެކު މަސައްކަތްކޮށްފައި ވަނީ ދައުލަތުގެ މަސްލަހަތުގައި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އަދި ރާއްޖޭގެ އެއްވެސް ހައްގެއް ދޫކޮށްލާފައިވާ ކަމަށް ދެކެވަޑައި ނުގެންނަވާ ކަމަށް ވިދާޅުވި އެވެ.
https://twitter.com/AhmedMuizzu/status/1584715228016963590
މުނައްވަރު ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖޭގައި ހަނިމާދޫ އާއި އުތުރުތިލަފަޅާއި އައްޑޫ އަތޮޅުގައި އިންޑިއާ ބޭނުންވާ ގޮތަށް އޮތީ އަތް ގަދަ ކުރެވިފައި އެވެ. އެެހެންވެ ދެން އެމީހުން ބޭނުންވާނީ އައްޑޫގެ ދެކުނުން އޮންނަ ޗާގޮސް ކަމަށް ވިދާޅުވި އެވެ.
ޑރ. މުނައްވަރު ވިދާޅުވީ ޗާގޮސް މޮރިޝަސް ބައެއްގެ ގޮތުގައި އޮތުމަށް އިންޑިއާއިން ބޭނުންވަނީ އެ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާއި އިންޑިއާގެ ކޮންޓްރޯލް މޮރިޝަސްގައި އޮތް މިންވަރަށް އިތުރު ކުރުމަށެވެ. އަދި އެތަން މޮރިޝަސްއަށް ލިބުމުން މުޅި އިންޑިއާ ކަނޑުގެ ކޮންޓްރޯލް އިންޑިއާއަށް ލިބުނީ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
އެކަމަކު ޑރ. މުނައްވަރުގެ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް ދިވެހި ސަރުކާރުން ބުނަމުން ދިޔައީ ޗާގޮސް އަކީ އިނގިރޭސިވިލާތުގެ މިލްކުވެރުކަން އޮތް ތަނެއް ކަމުން މޮރިޝަސްއަށް މި މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަނޭޅޭނެ ކަމަށެވެ. އެކަމަކު މިހާރު ސަރުކާރުން ވަނީ ކޮޅު ބަދަލުކޮށް މޮރިޝަސްގެ ބައެއްގެ ގޮތުގައި ޗާގޮސް އޮތުމަށް ތާއީދުކޮށްފައި އެވެ.
ސަރުކާރުން ބުނެފައިވަނީ އެއީ އިންވަކި ކުރުމާއި ތަފާތު މައްސަލައެއް ކަމަށެވެ. އަދި އިންވަކި ކުރުމުގެ މައްސަލައިގަ ސަރުކާރުން ދޫނުދޭނެ ކަމަށާއި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން އެންމެ ތަންކޮޅެއް ދޫވިޔަ ނުދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް