ތޫފާން ސިޓްރަންގްގައި ބަންގްލަދޭޝްއިން މަރުވި މީހުންގެ އަދަދު ހަތަކަށް އަރައިފި އެވެ.
ބޭއޮފް ބެންގޯލްގައި އުފެދުނު ތޫފާން ސިޓްރަންގް ބަންގްލަދޭޝްގެ ވިޔަފާރީގެ މައި ސިޓީ ޗިޓަގޮންއާއި ބަރިސަލް ސިޓީގެ އައްސޭރި ފަށުން ރަށުތެރެއަށް އެރީ ރޭ އިރާކޮޅު އެވެ.
ތޫފާނުގައި މިހާތަނަށް މީހުން މަރުވެފައިވަނީ އެ ގައުމުގެ ޑިސްޓްރިކްޓުތައް ކަމަށްވާ ބަރްގުނާ، ނަރައިލް އަދި ސީރަޖްގަންގް އާއި ބޯލާއިންނެވެ.
ތޫފާންގައި ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ދުރާލާ ބަންގްލަދޭޝް އޮތީ ގިނަ ތައްޔާރީތަކެއް ވެފައި އެވެ. އެގޮތުން ބައެއް ތައުލީމްދޭ ތަންތަނާއި ބޮޑތި ބާޒާރުތައް ހިންގާ ސަރަހައްދުތައް ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފައި އެވެ.
މި ތޫފާންގައި އެންމެ ބޮޑު ގެއްލުމެއް ވާނެ ކަމަށް ބެލެވެނީ ބަންގްލަދޭޝް ސަރުކާރުން ރޮގިންޖާ ރެފިއުޖީންނަށް ހާއްސަކޮށް އާބާދު ކުރަމުން އަންނަ ބަޝަން ޗަރް ކިތާ ރަށަކަށެވެ. ތޫފާން އެއްގަމަށް އެރީންސުރެ ބަންގްލަދޭޝްގެ ބޮޑު ބަޔަކަށް ދަނީ ގަދަވަޔާއި އެކު ބޯކޮށް ވާރޭ ވެހެމުންނެވެ.
ބަންގްލަދޭޝްގެ ޑިޒާސްޓާ މިނިސްޓްރީން އާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ސަރުކާރުން ވަނީ ހާލުގައި ޖެހޭ މީހުން އެހީއަށް އެދި އަމަލު ކުރަން ޖެހޭ ގޮތާއި ގުޅޭނެ ނަމްބަރުތައް ހިއްސާކޮށްފައި އެވެ. އަދި ފަޔާ ޑިޕާޓްމެންޓުތަކާއި ސިފައިން ތިބީ ތައްޔާރީ ހާލަތުގައި ކަމަށް ބުނެފައިވެ އެވެ.
މި ތޫފާނާއި ގުޅިގެން އިންޑިއާގެ އަސާމް، ވެސްޓްބެންގޯލް ފަދަ ސްޓޭޓްތަކުންވެސް ވަނީ ތައްޔާރީ ހާލަތަށް އައިސްފަ އެވެ. އެގޮތުން100 އަށްވުރެ ގިނަ ވަގުތީ ހިޔާތައް އެ ސްޓޭޓްތަކުގައި ވަނީ ހަދާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް