މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނަސް އިމުގެ މައްސަލައިގާ ސްޓޭންޑް ބަދަލު ނުކުރާނެކަން އެ ގައުމަށް ވާނީ އަންގާފައި: ފޮރިން މިނިސްޓްރީ

އދ. ގެ އާންމު މަޖިލީހުގައި މޮރިޝަސް އާއި އެއްކޮޅަށް ވޯޓު ދިން ނަމަވެސް ޗާގޮސް/ރާއްޖެ އިމުގެ މައްސަލައިގާ ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާނެކަން މިހާރު މޮރިޝަސްގެ ސަރުކާރަށް އަންގާފައިވާނެކަމުގައި ފޮރިން މ...

25 Oct 2022 | 00:47

އދ. ގެ އާންމު މަޖިލީހުގައި މޮރިޝަސް އާއި އެއްކޮޅަށް ވޯޓު ދިން ނަމަވެސް ޗާގޮސް/ރާއްޖެ އިމުގެ މައްސަލައިގާ ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާނެކަން މިހާރު މޮރިޝަސްގެ ސަރުކާރަށް އަންގާފައިވާނެކަމުގައި ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ދަންވަރު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އދ. ގެ އާންމު މަޖިލީހުގައި ޗާގޮސްގެ މައްސަލައާ ގުޅޭގޮތުން ގަރާރެއް ހުށަހަޅައިފިނަމަ އެ ގަރާރަށް ވޯޓު ދިނުމުގެ ކުރިން "އެކްސްޕްލެނޭޝަނަލް އޮފް ވޯޓް" ގެ ފުރުސަތުގައި، އެ ގަރާރަކަށް ދެކޮޅު ނުހެދުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލައިގާ ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަކަށް އެއްވެސް ބަދަލެއް ނާންނާނެކަމެއް ކަމުގައި ބުނުމަށް ނިންމައި، އެކަން މޮރިޝަސްގެ ސަރުކާރަސް އަންގާފައިވާނެކަމަށެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެސް ބާރު އަޅާފައިވަނީ އދ. ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ ގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއްކަން ހާމަކުރުމަށެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެއާ މޮރިޝަސް އާ ދެމެދު އޮތް ގުޅުމަށާއި ދިވެހިރާއްޖެއިން މިނިވަން ވީއްސުރެ އދ. ގެ އާންމު މަޖިލީހުގައި ގެންގުޅެމުން އަންނަ އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅު ސިޔާސަތަށް ބިނާކޮށް، އެފަދަ ގައުމުތަކަށް ތާއީދުކުރުމަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ކޮންސިސްޓެންސީ ހިފެހެއްޓޭނެ ގޮތްކަމުގައި ފެންނާތީ، އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965ގެ ނަމުގައި އދ. ގެ މަޖިލީހަށް ހުށަހެޅޭ ގަރާރުގައި މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދިނުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަމަށެވެ.

ވޯޓާއިމެދު ސަރުކާރުގެ ނިންމުން ފޮރިން މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވާއިރު ރާއްޖެ/ޗާގޮސް އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދާގޮތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭގައި ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި މި މައްސަލައިގާ ރާއްޖޭގެ ފަރާތުން މަސައްކަތްކުރާ ގާނޫނީ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން ރޭގައި ވާހަކަފުޅު ދެއްކެވިއެވެ.

އެގޮތުން ނޫސްވެރިންގެ އެ ބައްދަލުވުމުގައި ޕަޔަމް ވިދާޅުވީ ކޮންމެ ގޮތަކަށް އެ މައްސަލަ ނިމުނު ނަމަވެސް ރއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދުން ބައެއް ނުގެއްލޭނެކަމަށެވެ. އަދި މި މައްސަލައިގާ ފުށުއަރާ ސަރަހައްދު އެއްކޮށް ރާއްޖެއަށް ލިބެންޖެހޭ ކަމަށް ބައެއް ފަރާތްތަކަށް ހީވިނަމަވެސް އެއީ ކަނޑުގެ ސަރަހައްދު ބެހުމުގައި އޮންނަ އުސޫލު ނޫންކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މި މައްސަލައިގާ މިހާރު ސުވާލު އޮތީ ދެ ގައުމުގެ މެދުގައި ފުށު އަރާ ގާތްގަނޑަކަށް  އެއް ލައްކަ އަކަ ކިލޯ މީޓަރުގެ ތެރެއިން ތިނެއް ނޫނީ ހަތަރު ހާސް އަކަ ކިލޯ މީޓަރުގެ ސަރަހައްދަކާއިމެދުގައި ކަމުގައި ޕަޔަމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް