ޖުމުހޫރީ ދުވަހުގެ ޖަލްސާ ވަކިން ބޭއްވުމަށް ސަރުކާރުން ނިންމައިފި

ޖުމުހޫރީ ދުވަހާއި ގައުމީ ދުވަހުގެ ޖަލްސާ އެއް ޖަލްސާއެއްގެ ގޮތުގައި ބޭއްވުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް ޖުމުހޫރީ ދުވަހުގެ ޖަލްސާ ވަކިން ބޭއްވުމަށް ސަރުކާރުން ނިންމައިފި އެވެ. މިއަހަރުގެ ޖުމްހޫ...

25 Oct 2017 | 11:23

ޖުމުހޫރީ ދުވަހާއި ގައުމީ ދުވަހުގެ ޖަލްސާ އެއް ޖަލްސާއެއްގެ ގޮތުގައި ބޭއްވުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް ޖުމުހޫރީ ދުވަހުގެ ޖަލްސާ ވަކިން ބޭއްވުމަށް ސަރުކާރުން ނިންމައިފި އެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެންބަރު މަހުގެ 11 ވާ ހޮނިހިރު ދުވަހުގެރޭ ބާއްވާ ގޮތަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ހާމަކުރައްވާފަ އެވެ.

ކުރިން ހަމަޖައްސަވާފައި އޮތީ 1439 ވަނަ އަހަރުގެ ގައުމީ ދުވަސް ދިމާ ވަނީ ނޮވެންބަރު މަހުގެ 19ވާ އާދީއްތަ ދުވަހަށް ކަމަށްވާތީ މިއަހަރު ޖުމްހޫރީ ދުވަހާއި ގައުމީ ދުވަހުގެ ޖަލްސާ އެއް ޖަލްސާއެއްގެ ގޮތުގައި ނޮވެންބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ޖަލްސާ ބޭއްވުމަށެވެ.

މިބަދަލު ގެނައި ސަބަބެއް ސަރުކާރުން ހާމަނުކުރި ނަމަވެސް، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން އެންމެ ފަހުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމަށް ހަތަރު އަހަރު ފުރޭ ދުވަސް ކަމުގައިވާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ މެނިފެސްޓޯ އިއުލާން ކުރުމުގެ ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށެވެ. މިބަދަލު ގެނައީ އެޖަލްސާއަށް ތަންދިނުމުގެ ގޮތުން ކަމުގައި ބެލެވެ އެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ނޮވެންބަރު 11 ވަނަ ދުވަހުގެރޭ ބާއްވާއިރު ސަރުކާރުން ކޮންމެ އަހަރަކުވެސް ދެއްވަމުން ގެންދަވާ ގައުމީ އިނާމާއި، މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުން މިޖަލްސާގައި އޮންނާނެކަމަށާއި، ކީރިތި ގުރްއާން ހިތުދަސްކުރައްވައިގެން ހާފިޒުކަމުގެ ސަނަދު މިއަހަރު ހާސިލުކުރެއްވި ހާފިޒުންނަށާއި، ސާނަވީ އިމްތިހާނުން މުޅި ދުނިޔެއިން އެއްވަނަ ހޯދި ދިވެހި ދަރިވަރުންނަށާއި، މަތީ ސާނަވީ އިމްތިހާނުން މުޅި ދުނިޔެއިން އެއްވަނަ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުންވެސް މިޖަލްސާގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ހާމަކުރައްވަ އެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި މިއަހަރުގެ ގައުމީ ދުވަސް ވަކިން ފާހަގަކުރާ ގޮތަށް ރައީސް އޮފީހުން ހަމަޖެއްސުމާއި ގުޅިގެން ގައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ރާވައި ހިންގާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް