ނަދީމްގެ މަރުގެ މައްސަލަ: ދައުވާ ކުރެވޭ މީހުން ވަކީލުން ހަމަޖައްސަން 10 ދުވަސް

މިދިޔަ ޖުލައި މަހު މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ ދައުވާ ކުރެވޭ ހަތަރު މީހުންނަށް ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ. ތޫނު އެއްޗެހިން ހ...

25 Oct 2017 | 11:15

މިދިޔަ ޖުލައި މަހު މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ ދައުވާ ކުރެވޭ ހަތަރު މީހުންނަށް ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.

ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

އެ ހަތަރު މީހުންގެ ޝަރީއަތް މިއަދު ފަށައި، އެ މީހުންނަށް ލިބިގެންވާ ހައްގުތައް ބަޔާންކޮށް ދިނުމުން ދައުވާ ލިބޭ އެންމެން ވެސް ބުނީ މައްސަލަ ކުރިއަށް ގެންދާނީ ވަކީލަކާ އެކު ކަމަށް ބުނުމުން މައްސަލަ ބައްލަވާ ގާޒީ މުހުތާޒް ފަހުމީ ވަނީ ވަކީލުން ހަމަޖައްސަން އެ މީހުންނަށް 10 ދުވަސް ދެއްވައިފަ އެވެ.

ދައުވާ ލިބޭ ކަރަމް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްދޭން ދައުލަތުން މިއަދު އެދުމުން އެކަމާ މެދު ގޮތެއް ނިންމޭނީ ކުރިން އޭނާ ބަންދުކުރަން ނެރުނު އަމުރުތައް ލިބިގެން ކަމަށާއި، މިއަދު އެކަމާ މެދު ގޮތެއް ނުނިންމޭނެ ކަމަށާއި، ކަރަމްގެ ބަންދުގެ މުއްދަތު އިތުރު ކުރަން އެހެން ދުވަހަކު އޭނާ ކޯޓަށް ގެނައުމަށް ގާޒީ މުހުތާޒް ވިދާދުވިއެވެ. ކަރަމް ފިޔަވައި ދެން ތިބި މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.

ނަދީމް މަރާލީ އޭރު މާލޭގައި ހިނގަމުން ދިޔަ ސިލްސިލާ މާރާމާރީތަކުގެ ތެރެއިން އުފެދިފައިވާ ރުޅިވެރިކަމުގެ ބަދަލު ހިފުމުގެ ގޮތުންކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް