މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލް ސްޕޮންސާ އަކަށް ދިރާގު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ. ސީޒަން ދޭއްގެ ޓައިޓަލް ސްޕޮންސަރަކީވެސް ދިރާގެވެ.
މި އެއްބަސްވުމުގައި ދިރާގާއި ޕީއެސްއެމްއާއި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީސީއޯ ވިދާޅުވީ ސީޒަން ތިނެއްގެ ބައިވެރިއަކަށް ދިރާގު ވީ، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ބައެއްގެ ގޮތުގައި ދެކިގެން ކަމަށާއި ޒުވާނުންނނަށް ހާއްސަކޮށް ހިންގާ ކަންކަމުގައި ބައިވެރިވުމަކީ ދިރާގުން އިސްކަންދޭ ކަމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ހަލީލް ވިދާޅުވީ ދިރާގަކީ ޕީއެސްއެމުން ކުރާ ކޮންމެ ކަމެއްގައި ބައިވެރިއެއް ކަމަށާއި ދިރާގުގެ ބައިވެރިވުންނެތި އެއްވެސް ކަމެއް ނުވާނެ ކަމަށެވެ.
މޯލްޑިވިއަން އައިޑަލްގެ ފާއިތުވި ދެ ސީޒަންގެ ޓައިޓަލް ސްޕޮންސަރަކީވެސް ދިރާގެވެ. އައިޑަލް ދެވަނަ ސީޒަން ކާމިޔާބު ކޮށްފައިވަނީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. ފުރަތަމަ ސީޒަން ކާމިޔާބު ކޮށްފައިވަނީ ލައިޝާ ޖުނައިދު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް