އީއެފްއެލް ކަޕް ނުވަތަ ކެރަބާއޯ ކަޕްގައި (އާންމުކޮށް މުޙާތަބު ކުރާ ނަމުންނަމަ ލީގުކަޕް) ރޭ މެންޗެސްޓާ ސިޓީ އާއި ވުލްވްސް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވުމުން، ޕެނަލްޓީ ޖެހިއިރު ސިޓީގެ ގޯލްކީޕަރ ބްރާވޯ ހުއްޓުވި ދެ ޕެނަލްޓީއާއެކު ސިޓީއިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ސިޓީއިން ޖެހި ހަތަރު ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. ސިޓީގެ ޕެނަލްޓީތައް ޖެހީ ކެވިން ޑި ބުރޭނާ، ޔާޔާ ޓޫރޭ، ލިއޯރީ ސާނޭ އަދި ސާޖިއޯ އަގުއޭރޯ އެވެ. ވުލްވްސްގެ ޕެނަލްޓީތަކުގެ ތެރެއިން ލިއޯ ބޮނަޓިނީ ލަނޑު ޖެހިއިރު، އަލްފްރެޑް އެންޑިޔޭ އާއި ކޯނޯ ކޯޑީ ޖެހި ޕެނަލްޓީ ބްރާވޯ ވަނީ މަތަކޮށްފައެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ރޭ ވަނީ 2-0 އިން ސްވަންސީ ސިޓީ ބަލިކޮށްފައެވެ. ޔުނައިޓެޑްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޖެސޭ ލިންގާޑެވެ.
އަނެއްކޮޅުން ރޭ މި މުބާރާތުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު އާސެނަލްވެސް ވަނީ ފަހަތުން އަރާ މޮޅުވެ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ނޯވިޗްއަށް ޖޯޝް މާފީ ލީޑު ނަގައިދީފައިވަނިކޮށް، އާސެނަލް މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި މެޗުގެ ފަހު ވަގުތު ކުޅެން ނުކުތް އުމުރުން އެންމެ 18 އަހަރުގެ އެޑީ ނެކިޓިއާ ކާމިޔާބުކޮށްދިން ދެ ލަނޑުންނެވެ. މެޗުގެ ފަހު ވަގުތު އޭނާ ޖެހި ގޯލުން އެއްވަރު ވެގެން ނިމުނުއިރު، އާސެނަލް މޮޅުވި ލަނޑު ޖަހައި ދިނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް