ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކަށް އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ހޫނު ރައްދެއް ދީފި އެވެ.
ރައީސް ވިދާޅުވި އެކި އެކި ވާހަކަތަކަށް އެމްޑީޕީން ރައްދު ދީފައިވަނީ އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރާޢްޖެއަށް މިއަދު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ މެދު މިއަދާ ހަމައަށް ރައްޔިތުންނާ މުޚާތަބު ކުރެއްވުމެއް ނެތި އަދި ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު ހައްޔަރުކުރުން ފަދަ ޢަމަލުތައް ސަރުކާރުން ހިންގާފައިވާއިރު އެކަމާ މެދުވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައްޔިތުންނާ މުޚާތަބު ކުރެއްވުމެއް ނެތި 24 ގަޑިއިރު ފާއިތުވީފަހުން މިއަދު ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޗައިނާއަށް ކުރެއްވި އޮފިޝަލް ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމުން ކުއްލި ގޮތަކަށް އެމަނިކުފާނު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމާއި ސަރުކާރުގެ އިސް ވެރިން މަޤާމުން ވަކި ކުރެއްވުމާއި ރިޔާސީ ލޯންޗުކޮޅުގައި ހިނގައިދިޔަ ނުރައްކާތެރި ޙާދިސާގެ ތަޙްޤީޤްގެ ބައެއް ތަފްޞީލްތައް ހާމަކުރައްވައި ދިވެހިރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ މަސްޢޫލިއްޔަތު އަދާކުރެއްވުމަށް ނާޤާބިލްވެ، ނުކުޅެދިފައިވާ ކަމަށް ލިބުނު ޢިއުތިރާފެއް ކަމަށާއި ރައީސް ޔާމީންގެ ނާޤާބިލްކަމުން މުޅި މިދަޢުލަތް ފުލުހުންގޮސްފައިވާ ދައުލަތަކަށް ބަދަލުވެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
"ރާއްޖޭގެ ޙާލަތު މިއަދު އޮތީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ދަރަޖައިގައިކަން ހުދު ރައީސް ޔާމީންގެ ވާހަކަފުޅުން ވެސް ހާމަވާއިރު ދައުލަތުގެ އެންމެހައި މުވައްސަސާތަކާއި ބާރުތަކެއް އެމަނިކުފާނުގެ މުށުތެރޭގައި އޮވެމެ، އަދި ރާއްޖޭގެ އެންމެ މަޤްބޫލް ސިޔާސީ ލީޑަރު ރައީސް މުޙައްމަދު ނަޝީދާއި އެނޫންވެސް ސިޔާސީ ބޭފުޅުން ޖަލުގައި ހައްޔަރުކުރައްވައިގެންވެސް މިރާއްޖޭގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރެވިފައި ނުވަނީ ރައީސް ޔާމީންގެ ނާޤާބިލްކަމުންކަން ސާބިތުވޭ، މި ވެރިކަމުގެ ދައުރުގެ މެދާ ހަމައަށް ނުދަނީސް އެތަކެއް ވަޒީރުނެއް ވަކިކޮށް ބައެއް ބޭފުޅުން ޖަލަށް ލައި އެތަކެއް ނައިބު ރައީސުނެއް ވަކިކޮށް ނުވަތަ ވަކިކުރުމަށް މަސައްކަތް ފަށައި އަދި ޖަލަށް ލާފައިވާކަން ފާހަގަ ކުރަމު، މިނިވަން މުވައްސަސާތަކުގެ ޝަކުވާ ލިބިވަޑައިނުގަންނަވާ ކަމުގައި ރައީސް ޔާމީން ވިދާޅުވާއިރު އެމުވައްސަސާތަކާއި ޝަރުޢީ ކޯޓުތައް ވަނީ ސަރުކާރުން ކުރިމަތިކުރުވާ ބިރުވެރިކަމެއްގެ ތެރޭގައި،ޤައުމުގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރެއްވި މުވައްސަސާއެއް ނަމަ ރައްޔިތުންގެ މަޖިލިސް ނުވަތަ ސުޕްރީމް ކޯޓު މެދުވެރި ކުރައްވައި ވަނީ އެ މުއްވައްސަސާއެއްގެ ބާރު ކަނޑުވާލާފައި، އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރުމުގެ އިތުރުން އޮޑިޓަރ ޖެނެރެލާއި، އިލެކްޝަންސް ކޮމިޝަންގެ ރައީސާއި އެކޮމިޝަންގެ ނައިބު ރައީސް ޤާނޫނު އަސާސީއާ ޚިލާފަށް ވަކިކޮށްފައިވާކަން ފާހަގަ ކުރަމު، އަދި ޝަރުޢީ ދާއިރާގެ ކަންބޮޑުވުން ފާޅުކުރެއްވުމުން ސީދާ ސުޕްރީމް ކޯޓު މެދުވެރިކުރައްވައި ހިއުމަން ރައިޓްސް ކޮމިޝަނަކީ ފޮރިން މިނިސްޓްރީގައި ހުންނަ ޑެސްކެއްގެ ގޮތުގައި ވަނީ ހައްދަވާފައި" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ސިފައިންގެ މުވައްސަސާއާއި ފުލުހުންގެ މުވައްސަސާގެ ވެރިން ބައްދަލުކުރައްވައި ބައެއް ފަރާތްތައް ހައްޔަރު ކުރެއްވި ސަބަބަކީ އެފަރާތްތަކަށް ވަރަށް ބޮޑަށް ރިޝްވަތުގެ ނުފޫޒު ފޯރުވައި ފަސާދަކޮށްފައިވާތީކަމަށް ރައީސް ޔާމީން ވިދާޅުވާއިރު އެގޮތަށް ފަސާދަކޮށްފައިވަނީ އެމަނިކުފާނުގެ ބޭނުންފުޅަށް ސީދާ ރައީސް ޔާމީން ކަމުގައި އެމްޑީޕީން ޤަބޫލު ކުރާ ކަމަށާއި އަދި އެކަމަކީ ސިފައިންގެ އެންމެ އިސްވެރިޔާއާއި ދައުލަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހުންނަވައިގެން ރައީސް ޔާމީން ސީދާ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކެމެއް ކަމަށެވެ. އަދި ފުލުހުންގެ ބައެއް ބޭފުޅުން މިކަންކަމުގައި ބައިވެރިވެފައިވާކަމަށް އެނގިވަޑައިގަންނަވާއިރު، މަޤާމުން ދުރުކުރައްވާފައި ސިޔާސީ މަޤާމުތަކަށް އައްޔަން ކުރެއްވުމުން ކޮރަޕްޝަނާއި މިފަދަ ކަންކަމަކީ ރައީސް ޔާމީންގެ ނަޒަރުގައި މާ ބޮޑެތި މައްސަލަތަކެއް ނޫންކަން ހާމަވާ ކަމަށެވެ.
"އިސްވެދެންނެވުނު ދެ މުވައްސަސާ މިމިންވަރަށް ފަސާދަވެފައިވާކަން މީގެ ކުރިން އެނގިވަޑައިނުގަންނަވާ ކަމުގައި ރައީސް ޔާމީން ވިދާޅުވުމަކީ ކަނޑައެޅިގެން އިތުރުފުޅެއް، 7 ފެބްރުއަރީ 2012 ގައި ރައްޔިތުން އިންތިޚާބުކޮށްފައިވާ ވެރިކަން ފުލުހުންނާއި ސިފައިންގެ ބަޔަކު ނިކުމެ ޤާނޫނާ ޚިލާފަށް ވައްޓާލައި އެކަމާ ގުޅިގެން ކޮމަންވެލްތުގެ އިސްނެންގެވުމުގެ މަތިން އެކުލަވާލެވުނު ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވަނީ 2012 ފެބްރުއަރީ 7، 8 ވަނަ ދުވަހު ފުލުހުންނާއި ސިފައިން ހިންގި ޤާނޫނާ ޚިލާފް ކަންކަން ސަރުކާރުން ބައްލަވައި ފިޔަވަޅު އަޅުއްވަން ޖެހޭނެ ކަމުގައި، އެހެންނަމަވެސް ރައީސް ޔާމީން މިކަން ބައްލަވާފައެއް ނުވޭ، އެމް.ޑީ.ޕީން ތަކުރާރުކޮށް ސަރުކާރަށް ގޮވާލަމުން މިއަންނަނީ ފައިސާއާއި ނުފޫޒުން އެއްކިބާވެފަވާ ތަނަކަށް ހަދައި މި ދެމުވައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނެއް ކަމުގައި ހެދުމަށާއި ފުލުހުންނާއި ސިފައިން ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް، އެހެންނަމަވެސް އެމް.ޑީ.ޕީ އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގޮވާލުންތަކަށް ބީރު ކަންފަތެއްދީ އެ މުވައްސަސާތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ރައީސް ޔާމީން ކުރައްވަމުން ގެންދެވި، ބަޣާވާތަށްފަހު ރިޔާސީ އިންތިޚާބު ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ބާޠިލްކޮށް އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ އާދޭސްތަކަށް އަޑުއެހުމެއްނެތި ރިޔާސީ އިންތިޚާބު ބޭއްވުމަށް ފުލުހުންނާއި ސިފައިން މެދުވެރިކޮށް ހުރަސް އެޅުއްވި" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
މީގެ އިތުރުން މިނިވަން ނިއުސްގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުވާލުމާއި ރާއްޖެ ޓީވީ ރޯކޮށްލުމުގައި ފުލުހުންގެ ބައިވެރިވުން ހިމެނޭ ކަމަށް އެތައް ބަޔަކު އައީ ތުހުމަތު ކުރަމުންނެވެ. ބޮޑެތި ކުށްތައް ޢާންމުވެ، ފާޅުގައި ސަރުކާރުގެ ވެރިންނާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ނަހަމަ ގޮތުގައި ވިޔަފާރި ކުރުމާއި، ތަޙްޤީޤްތަކަށް ހުރަސް އަޅައި، އިދޮކޮޅު ސިޔާސީ ފިކުރު ދިވެހިރާއްޖެއިން ނައްތާލުމަށް ފުލުހުންނާއި ސިފައިން ބޭނުންކޮށްފައިވާކަމަށް އަބަދުވެސް މި ޕާޓީން އަންނަނީ ބުނަމުން ކަމަށާއި އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް އެކަން އެނގިވަޑައިތީ ކުއްލި ގޮތަކަށް ރިޔާސީ ލޯންޗުކޮޅުގެ ޙާދިސާ ހިނގުމުގެ ފަހުން ކަމަށް ވިދާޅުވުމުން ހައިރާންކަން ލިބޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
"ފުލުހުންނާއި ސިފައިންގެ އިސް ވެރިން މިއަދު ބަދަލުކޮށްފައިވާއިރު އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން މިހާތަނަށް ހިންގުނު ތަޙްޤީޤްތަކަކީ ސިޔާސީ ކުލަވަރު ޖެހިފައިވާ ތަޙްޤީޤްތަކެއްކަން ރައީސް ޔާމީންގެ ވާހަކަފުޅުން މިއަދު ހާމަވޭ، ރައީސް މުޙައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނާއި، ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމްގެ މައްޗަށް ހިންގުނު ތަޙްޤީޤްތަކަކީ ވަކި ބައެއްގެ ނުފޫޒުން ހިންގާފައިވާ ތަޙްޤީޤްތަކެއްކަން ޔަޤީން، ރައީސް ނަޝީދުގެ ޝަރީޢަތަށް ޢިޝާރާތް ކުރައްވައި ރައީސް ޔާމީން މިއަދު ވިދާޅުވެފައިވަނީ އިތުރުފުޅެއް، ރައީސް ނަޝީދގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލި ބޭއިންސާފުން ޝަރީޢަތް ހިންގައި ޖަލަށްލާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ނުފޫޒުން، ރައީސް ޔާމީން އިތުރަށް ދެއްކެވި ވާހަކަފުޅުން ސާބިތުވަނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުގައި ކޮރަޕްޝަނާއި ފަސާދަ އަށަގެންފައިވާކަން، މިގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށާއި ފުލުހުންނާއި ސިފައިންނަށާއި ޒުވާނުންގެ ބައެއް ޤުރޫޕްތަކަށް ނުޙައްޤު ގޮތުގައި ފައިސާ ބަހައި ފަސާދަ ކުރުމަކީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ހެޔޮ ގޮތެއް ކަމަށް އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަފުޅުން ހާމަވޭ، ނައިބު ރައީސް ނެތް ކަމުގައިވީނަމަވެސް އެކަންކަން (ފައިސާ ބެހުން) ކުރިއަށް ދާނެކަމުގައި ރައީސް ޔާމީން ވިދާޅުވުމުން ހާމަވަނީ މީގެ ކުރިންވެސް ހިނގައިދިޔަ މިފަދަ ހުރިހާ ކަމެއް، (އެއީ ފުލުހުންނާއި ސިފައިނަނަށް ފައިސާ ބެހުންވެސް) ނައިބު ރައީސާ ޙާވާލުކުރައްވައިގެން ކުރިއަށް ގެންދެވީ ރައީސް ޔާމީންކަން، ފައިސާ ބެހުމާއި ނުފޫޒު ފޯރުވުމަކީ ޚުދުމުހުތާރު ވެރިކަމެއް ބިނާ ކުރުމަށް ސީދާ ރައީސް ޔާމީން ކުރައްވާ ކަމެއް، އަދި ކޮރަޕްޝަނާ މަޤާމުގެ ބޭނުން ކުރުމަކީ ރައީސް ޔާމީންގެ ނަޒަރުގައި މާބޮޑު މައްސަލައެއް ނޫންކަމަށް" އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީން މިއަދު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިނުގަންނަވާކަމުގައިވިދާޅުވާއިރު މިފަދަ ބޮޑެތި މައްސަލަތައް ދައުލަތް ހިންގުމުގައި ހުރިއިރު ކަމެއް މެދުވެރިވުމުގެ ކުރިން ފިޔަވަޅު އަޅުއްވައި ބައްލަވާފައިނުވުމުން ދައުލަތް ފަރުވާތެރިކަމާ ޒިންމާދާރު ކަމާއެކު ހިންގުމުގައި އެއްވެސް މިންވަރަކަށް ރައީސް ޔާމީން ބައްލަވާފައިނުވާކަން ހާމަވާ ކަމަށާއި ސަރުކާރުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ނުބައްލަވާކަންވެސް ހާމަވާ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުންޏެއްގެ މާލީ ބަޔާންތަކާއި ހިންގުމުގެ ތަފްޞީލްތައް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނައިބު ރައީސްގެ އަރިހުން އެދިވަޑައިގަންނަވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ’ނައިބު ރައީސްގެ ރިސޯސަސް’ ބޭނުންކުރައްވައިގެން އެމް.އެމް.ޕީ.އާރު.ސީގެ މަސައްކަތްތައް ހޯދުމަށް ވިދާޅުވުން ރައީސް ޔާމީންއަކީ ‘ވަލު ދޮރޯށިން’ ކަންކަން ކުރެއްވުމަށް ހިތްވަރުދެއްވާ ބޭފުޅެއްކަން އެނގޭ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.
"އެންމެ ފަހުން މި ސަރުކާރުން ހައްޔަރުކުރި ބައެއް ފަރާތްތައް ހައްޔަރުކޮށްފައިވަނީ އެފަރާތްތައް ހަނު ހުރެފައިވާތީކަމަށް ވަރަށް ސާފުކޮށް ރައީސް ޔާމީން މިއަދު ވިދާޅުވި، ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށް ހަނު ހުރުމުގެ ޙައްޤަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް، ޤާނޫނު އަސާސީގައިވާ މިފަދަ މަފްޙޫމަތަކާ އިންތިހާއަށް ބީރަށްޓެހި ވާހަކަފުޅު ދައްކަވާ ބޭފުޅަކު ވެރިކަމުގައި ހުންނެވުމަކީ ރައްޔިތުންނަށާއި ޤާނޫނު އަސާސީއަށް އިންތިހާއަށް ނުރައްކާ ބޮޑު ކަމެއް ކަމަށް އެމްޑީޕީން ދެކެން، އެހެންކަމުން ރައީސް ޔާމީނަކީ ރައްޔިތުންގެ ޙައްޤުތަކާއި ޤާނޫނު އަސާސީ ދިފާޢުކޮށްދެވޭނެ ވަރުގެ ވެރިއެއް ނޫންކަން އިތުރަށް ހާމަވޭ" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާން ނިންމާލަމުން ބުނެފައިވަނީ މިޤައުމުގައި ހަމަޖެހުމާއި ރައްކާތެރިކަމާ ޢަދުލު ނެތި، ފުލުން ގޮސްފައިވާ ދަޢުލަތަކަށް މިދަޢުލަތް ވެފައި މިވަނީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާޢީދެއް ނެތް އިރު ވެރިކަމުގައި ހުންނެވުމުގެ ސަބަބުންނާއި ރައީސް ޔާމީންގެ ނާޤާބިލުކަމާއި ނުކުޅެދުންތެރިކަމުންކަމަށް ދެކޭ ކަމަށެވެ. އަދި މިއަދާ ހަމައަށް އެމަނިކުފާނު ހުންނެވީ މި ދަޢުލަތް ހިންގެވުމަށް ނޫންކަމާއި ވެރިކަމުގެ ޖާހަތައި ލައްޒަތުގެ ދަހިވެތިކަމުގައި ކަމަށް ދެކޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް