ރޭ މާލެއިން ފުރައިގެން އއ ކުރަމަތި ރިސޯޓަށް ދަތުރުކުރި "މާރަނަ 4" ދޯނީގެ ބައެއް ސާމާނުކަމަށް ބެލެވޭ ލައިފްޖެކެޓްތަކަކާއި ޕެލެޓްތަކެއް ކަނޑުމަތިން ފެނިފައިވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ މިތަކެތި ފެނިފައިވަނީ ދޯނި ހޯދުމުގައި ހަރަކާތްތެރިވަމުންދާ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޭންޑިންގ ކްރާފްޓަށް، ކ.އަތޮޅު ޒިޔާރަތްފުށީގެ ހުޅަނގުން 5 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
"މި ދޯނީގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ ރޭ ނުވައެއްޖަހާކަންހާއިރު އއ.ވެލިގަނޑު ކައިރިން ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވޭ، މި ދޯނިން ދަތުރުކުރީ ދިވެއްސަކާއި ދެ ބިދޭސީން، މިދޯންޏަކީ 75 ފޫޓްގެ ނޫ ކުލައިގެ ދަވާދު ލާފައިވާ ދޯންޏެއް" އެމްއެންޑީއެފުން ހާޟަކުރެ އެވެ.
އެމްއެންޑީއެފުންބުނީ މި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށާއި މި ދޯންޏާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި، އެ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެދިލައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް