ޕޮއިންޓް ޝީޓުގައިވެސް އޮތީ މޫނުބުރުގާ އަޅާތީ ޑިސްކޮލިފައި ކަމަށް – ރައީސް އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުވެސް ނުލިބޭ !

ދ. ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރި އިންޓަވިއުއެއްގައި، މޫނު ބުރުގާ އަޅާތީ އެ މަރުހަލާގައި ޑިސްކޮލިފައި ކުރި ފަރާތް، ޕޮއިންޓު ޝީޓުގައިވެސް ޑިސްކޮލިފައި ކަމަށް ބުނެފައިވާތީ އަދި ރައީސް އޮ...

25 Sep 2024 | 09:31

ދ. ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރި އިންޓަވިއުއެއްގައި، މޫނު ބުރުގާ އަޅާތީ އެ މަރުހަލާގައި ޑިސްކޮލިފައި ކުރި ފަރާތް، ޕޮއިންޓު ޝީޓުގައިވެސް ޑިސްކޮލިފައި ކަމަށް ބުނެފައިވާތީ އަދި ރައީސް އޮފީހަށް ފޮނުވި ސިޓީއަށްވެސް ޖަވާބު ލިބިފައިނުވާތީ އެ އަންހެން މީހާއާއި އެ އަންހެން މީހާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެގޮތުން މިއަދު ދުވަހަށް މައުލޫމާތުދެމުން އެ އަންހެން މީހާގެ އާއިލާއިން ބުނެފައިވަނީ އެކަމާއި ގުޅުވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓާއެކު އެ އާއިލާއަށް އުންމީދެއް ލިބުނު ނަމަވެސް ނަތީޖާ ޝީޓުގައިވެސް އޮތީ ހަމަ އެއް ވާހަކައެއް ކަމަށެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިސްލާމްދީނާއި ހިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ ކަމަށެވެ.

"އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް އަމަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލުކުރުމަކީ ކުރަންޖެހޭ ކަމެއް، އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ އަންގާފައި" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ދިވެހި މި މުޖްތަމައަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖްތަމައަކަށް ހަދަން އެންމެން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.

މިއަދު ދުވަހަށް މައުލޫމާތު ދެމުން އެ އާއިލާއިން ބުނީ އިންޓަވިއު މަރުހަލާގައި ޑިސްކޮލިފައި ކުރުމުން އަދި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުން ލިބުނު އުންމީދާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ސެޕްޓެމްބަރު އެކެއްގައި، ހުޅުދެލި މެޖިސްޓްރޭޓް ކޯޓާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އޯގަސްޓް 22ގައި ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ތާކުން ޖަވާބެއް ލިބިފައިނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް