ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރައްވާނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ކަން ހާމަކުރައްވައިފިއެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ހައިލަމް ތާއީދު ކުރައްވީ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހީމް އަށެވެ. ނަމަވެސް ފުރަތަމަ ބުރުން ލިބުނު ނާކާމިޔާބީ އާއެކު ޖޭޕީން ނިންމާފައި ވަނީ އެއްވެސް ކެނޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ.
ނަމަވެސް ޕާޓީގެ ނަން ބޭނުން ނުކޮށް، އާއްމު މެމްބަރުން ބޭނުން ކެނޑިޑެޓަކަށް ތާއީދު ކުރެވޭނެ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ. އެހެންކަމުން ޖޭޕީގެ ބައެއް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރަން ނިންމި އިރު، އަނެއްބައި މެމްބަރުން ތާއީދު ކުރަން ނިންމާފައި ވަނީ ޑރ. މުއިއްޒުއަށެވެ.
ދެވަނަ ބުރާ ގުޅިގެން ހައިލަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާދަތާއި އަމާންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ނައްތާލައި، ޤައުމުގައި ހަމަޖެހުމާއި އަމާންކަން ޤާއިމުކޮށް، މާތްވެގެންވާ އިސްލާމްދީނަށް މިޤައުމުގައި ކުރިމަތިވަމުންދާ ފުރައްސާރަކުރުންތައް ހުއްޓުވައި، ދީނީ ވަޙުދަތު ޤާއިމްކޮށް، އިޤްތިޞާދީގޮތުން މިޤައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ފުދުންތެރި ޖީލެއް ބިނާކޮށް، ޤައުމުގައި ޢާންމުވެފައިވާ ކޮރަޕްޝަންގެ ނުރައްކާތެރި ވަބާއިން މިރާއްޖެ ސަލާމަތްކުރެވޭނީ، ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންހުންނެވި، ބަހާއި ޢަމަލު ދިމާވާފަދަ އިޚްލާޞްތެރި ބޭފުޅަކު މި ރާއްޖޭގެ ރައީސްކަމަށް ޢައްޔަންކުރެވިގެންކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ޑރ. މުޢިއްޒަށް ތާއީދުކުރުމަށް ނިންމާފައި ވާކަމަށް ހައިލަމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް