ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ ދެކުނު ދާއިރާ ކުރިން ތަމްސީލުކުރެއްވި މެންބަރު އަބްދުﷲ އަހްމަދު (އެމްޕީ އަބުޅޯ) ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުގައިވެސް ހުންނެވި އަބުޅޯ މިކަން ހާމަކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މިކަން ހާމަކުރައްވަމުން އަބުޅޯ ވިދާޅުވެފައިވަނީ ޤައުމުގެ ހަމަޖެހުމާއި، ސުލްހަ މަސްލަސްކަން ދެމެހެއްޓުމަށް، 2023 ވަނައަހަރު ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާޢީދުކުރުމަށް ނިންމާފައިވާކަމަށެވެ.
މި ނިންމުން ނިންމެވި ސަބަބު ހާމަކުރައްވަމުން އަބުޅޯ ވިދާޅުވެފައިވަނީ މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ފަސްގަޑުގެ މިނިވަންކަމާއި، މި ފަޚުރުވެރި އުފާވެރިއަމާން ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަކީ މާލީގޮތުން މިނިވަން އަދި އިޤްތިޞާދީ، އިޖްތިމާޢީ ، ޚާރިޖީ ހަމަޖެހުން ޤާއިމް ވެފައިވާ، ފަހި ދިރިއުޅިމަކަށް މަގުފަހި ވެފައިވާ، ތަޢުލީމީ އަދި އުފެއްދުންތެރި ބަޔަކަށްހަދާ، ޢުމްރާނީގޮތުން ތަރައްޤީވެ، އަސާސީ ޚިދުމަތްތައް ތިޔާޤި، ޒަމާނީ ތަހުޒީބީ އިންތިޒާމް ތަކަކުން ތަރުތީބު ވެފައިވާ ބަޔަކަށް ރައީސް ސޯލިހް ދިވެހިން ހަދާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބަ އޮތް ކަމަށެވެ.
" އަޅުގަނޑު ދަނޑަށް މި ނުކުތީ 54 ވަނަ މިނުޓުގައި" އަބުޅޯ ވިދާޅުވެފައިވެއެވެ.
އަބުޅޯ ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަވާފައިވާއިރު ޖުމްހޫރީ ޕާޓީގެ އިސް ސަފުން ފެނުނު އެންމެން ކަހަލަ ގޮތަކަށް މިހާރު ވަނީ ދެ ފަޅި ހިޔާރުކޮށްފައެވެ.
އެގޮތުން ކުރީގެ އެމްޕީ އިލްހާމާއި ރިޔާޒް ރަޝީދާއި ގާސިމްގެ ރަނިންމޭޓް އަމީން އާއި ކުރީގެ މިނިސްޓަރު އަމީން އާއި އަދިވެސް ޖޭޕީގެ އިސް ސަފުން ފެނުނު ގިނަ ފަރާތްތަކެއް ރައީސް ސޯލިހަށް ތާއީދުކުރަން ނިންމާފައިވާއިރު ކުރީގެ ނައިބުރައީސް ޑރ. ޖިހާދާއި ކުރީގެ މިނިސްޓަރު ޑރ. އިރުތިޝާމް އާއި ޖޭޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފްގެ އިތުރުން ޖޭޕީގެ އިސް ސަފުން ފެނުނު ގިނަ ބަޔަކު ޑރ. މުއިއްޒަށް ތާއީދު ކުރަންވެސް ނިންމާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް