ގޯތި ދިނުން ލަސްވާތީ ލާމު ގަމު ރައްޔިތުން މުޒާހަރާއަށް

ލ. ގަމުން ދޭން އިއުލާނުކޮށް ދޭން ނިންމި ގޯތިތައް ދިނުން ލަސްވާތީ ލ. ގަމުގެ ރައްޔިތުން ސީދާ ހަރަކާތަށް ނިކުމެއްޖެއެވެ. އެގޮތުން އެ ރަށުގެ ރައްޔިތުން މުޒާހަރާ ކުރަމުން އަންނަނީ އެ ރަށުގެ ކައުންސިލް އިދާ...

25 Sep 2023 | 06:06

ލ. ގަމުން ދޭން އިއުލާނުކޮށް ދޭން ނިންމި ގޯތިތައް ދިނުން ލަސްވާތީ ލ. ގަމުގެ ރައްޔިތުން ސީދާ ހަރަކާތަށް ނިކުމެއްޖެއެވެ.

އެގޮތުން އެ ރަށުގެ ރައްޔިތުން މުޒާހަރާ ކުރަމުން އަންނަނީ އެ ރަށުގެ ކައުންސިލް އިދާރާގެ ގޯތިތެރޭގައެވެ.

ދުވަހަށް މައުލޫމާތުދެމުން މުޒާހަރާގެ ބައިވެރިއަކު ބުނީ ސީދާ ހަރަކާތައް ނިކުންނަންޖެހުނީ ގޯތި ދިނުން ލަސްވެ، ރައްޔިތުންގެ ކަންބޮޑުވުންތައް އެތައް ގޮތަކުން އެތައް ފަހަރަކު ހިއްސާ ކުރުމުންވެސް އެކަމަށް ހައްލެއް ނުލިބުމުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ގޯތި ދިނުން ލަސްވެގެން އުޅެނީ ކުރިން 2000 އަކަފޫޓުގެ ގޯތި ދޭން ނިންމާ އެކަން ފައިނަލްކުރުމަށްފަހު އިންތިހާބާ ދިމާކޮށް އެ ގޯތިތަކުގެ ސައިޒް 4000 އަކަފޫޓަށް ބޮޑުކުރުމުން ލޭންޑް ޔޫޒް ޕްލޭނަށް ލިބެންޖެހޭ ހުއްދަ ލިބުން ލަސްވެގެން ދިއުމުންނެވެ.

ކައުންސިލުން ރައްޔިތުންގާތު ބުނެފައިވަނީ  ލޭންޑް ޔޫޒް ޕްލޭން ފާސްނުކޮށް ގޯތި ދޭން ހުށަހެޅީ އެކަން ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށާއި އެހެން ނަމަވެސް އެ ހުއްދައަށް އެދި މި މަހުގެ ތިންވަނަ ދުވަހު މިހާރު ހުށަހަޅާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އަދި އެ ހުށަހެޅުމަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ކައުންސިލުން ބުނެއެވެ.

ގަމުގެ ރައްޔިތުން ސީދާ ހަރަކާތަށް ނިކުމެ ކައުންސިލް އިދާރާގައި މުޒާހަރާ ކުރަމުން އަންނައިރު ސީދާ ހަރަކާތައް ނިކުތުމުގެ ކުރިން އެ ރަށުގެ ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައްޔާއި ލޯކަލް މީޑިއާގައިވެސް މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ކެމްޕޭނުތައް ހިންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް