އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) އިން ހިންގި 14 ވަނަ ހެވިއެދުރު ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.މާފިލާފުށީގައި ހުންނަ ދަ ބޭސިކް ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓްރީ އޮފް ޑިފެންސްގެ ޕްރިންސިޕަލް ސްޓާފް އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދެވެ.
2022 ޖުލައި 8 ވަނަ ދުވަހުން ފެށިގެން 12 ހަފުތާގެ މުއްދަތަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ޅ.މާފިލާފުށީގައި ހުންނަ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ މިކޯހުން އެއްވަނަ ޙާޞިލުކުރެއްވީ، މިލިޓަރީ ޕޮލިހުގައި މަސައްކަތްކުރައްވާ ކޯޕްރަލް އަޙްމަދު އިމާދެވެ. މި ކޯހުގައި އެކި ޔުނިޓްތަކުން 14 ސިފައިން ބައިވެރިވިއިރު، ކޯހުން ފާސްވެ، ހެވިއެދުރުންގެ ބެޖާއި ކޭން ޙާޞިލުކުރީ 12 ސިފައިންނެވެ. ކޯސް ފުރިހަމަކޮށް ފާސްވި ސިފައިންނަށް ކޭންއާއި ބެޖް އަދި އިނާމު ޙަވާލުކޮށްދެއްވީ، ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދެވެ. އަދި ކޯހުން ފާސްވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ ކާނަލް އިބްރާހީމް އަޝްރަފެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ ދަސްވެނީންނާ މުޚާޠަބު ކުރައްވައި ޝަރަފުވެރި މެހެމާނު ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މަރުހަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގެ ކޮމާންޑިންގ އޮފިސަރ މޭޖަރ މުޙައްމަދު ނިލާމް ވާހަކަފުޅު ދެއްކެވިއެވެ.
އެމްއެންޑީއެފްގެ ހުރިހާ ލެވެލެއްގައި ބޭނުންވާނެ ހެވިކަމުގެ ހުނަރުތައް ދަސްކޮށްދިނުމާއި ޤައުމީ ލެވެލްގައާއި އެމްއެންޑީއެފް ލެވެލްގައި ބޭއްވޭ ރަސްމިއްޔާތުތަކަށް ބޭނުންވާ ހެވިކަމުގެ ހުނަރުތައް އުނގަންނައިދޭނެ ފަޚުރުވެރި، ހުޝިޔާރު އަދި ކިޔަމަންތެރި މުދައްރިބުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ހިންގި މި ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ފުޓް ޑްރިލް، ބަޑިހަރަކާތް (އެސްއެލްއާރު)، ޑްރިލް ދަ ސްކޮޑް، ބަޑިހަރަކާތް (303)، ބަޑިހަރަކާތް (އެސްއެމްޖީ)، ކޭން ޑްރިލް އަދި ފްލެގް ޑްރިލްގެ އިތުރުން ޓީޗިންގ ޓެކްނީކްސްއާއި ރޫލްސް އެންޑް ރެގިއުލޭޝަންގެ އިތުރުން ރިލިޖަސް ސްޓަޑީޒްއާއި ލީޑަރޝިޕް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް