ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފްލެޓުތައް ލިބުނު މުވައްޒަފުންނަށް ފައިސާ ދެއްކުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފި އެވެ.
މިކަން އިއުލާނު ކުރެއްވީ ރޭ ބޭއްވި އެމްޕީއެލްގެ36 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ.
އޭނާ ވިދާޅުވީ އެމްޕީއެލްގެ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ޝާހިދު ވިދާޅުވީ ފްލެޓަށް ވަންނަ ދުވަސް ކައިރިވަމުން ދާއިރު ކުލި ދެއްކުމާއި ގުޅޭ ޝަކުވާ މުވައްޒަފުންގެ ހުރިކަން އެނގިވަޑައިގެންނަވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ކުރިން ފައިސާ ދައްކާގޮތަށް ހަމަޖެހިފައި އޮތީ ނިމިގެން ދިޔަ ސަރުކާރުން ހަމަޖައްސާފައޮތް ގޮތަށް ކަމަށެވެ. އެއީ މުވައްޒަފުން އެއްފަހަރާ ފައިސާ ދައްކަން ޖެހޭ ގޮތަށް ނުވަތަ ބޭންކް މެދުވެރިކޮށް ފައިސާ ދައްކާ ގޮތަށްކަމަށެވެ.
އެކަމަކު މިސަރުކާރުން ވަނީ 20 އަހަރު ދުވަހަށް ފައިސާ ދެއްކުން ބަހާލާފައި ކަމަށާއި، އެކަމަށް އެމްޕީއެލްއިން ޚާއްސަ ފައިނޭންޝަލް ސްކީމެއް ތައާރަފް ކޮށްފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ޑައުންޕޭމަންޓް ދެއްކުމަށްވެސް ހަތަރު އޮޕްޝަނެއް ތައާރަފް ކޮށްފައިވާކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެމް.ޕީ.އެލުން ތަރައްޤީކުރީ 15 ބުރީގެ ތިން ޓަވަރެވެ. މީގެ ތެރޭގައި އެއް ކޮޓަރީގެ 204 ފްލެޓާއި ތިން ކޮޓަރީގެ 330 ފްލެޓް ހިމެނެއެވެ. މި ފްލެޓްތަކަށް ޝަރުތު ހަމަވި މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބުނު މުވައްޒަފުންގެ ލިސްޓުތައް އެކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް