ބޮލީވުޑްގެ ބަތަލާ އައިޝްވާރްޔާ ރާއީ ބައްޗައް އިނީ ބަލިވެ ކަމަށް އަނެއްކާވެސް ބުނަން ފަށައިފި އެވެ.
މިފަހަރު އޭނާ ބަނޑުބޮޑު ކަމަށް ކިޔަން ފެށީ ދަތުރަކަށް ފަހު އެނބުރި މުމްބާއީއަށް ގޮސް އެއާޕޯޓުން ނުކުމެގެން ދިޔަ އިރު ހުރި ގޮތުންނެވެ. އައިޝްވާރްޔާ ލައިގެން ހުރީ ހުދުކުލައިގެ ދިގު ގަޔަށް ދޫ ކޯޓެވެ.
ޕަޕަރާޒީން އާންމު ކުރި ފޮޓޯތަކަށް ކޮމެންޓު ކުރި އިންޑިއާ އާންމުން ބުނީ މިފަހަރު އޭނާ ބަނޑު ބޮޑުކަން ޔަގީން ކަމަށެވެ. އެކަން ފޮރުވަން ގަޔަށް ދޫ ބޮޑު ކޯޓެއް ލައިގެން ހުރި ކަމަށާއި މޫނުމަތީގައި ޖަހާފައި ހުރި މަސްތައް ފޮރުވަން އިސްތަށިގަނޑު ވައްޓާލައިގެން ހުރީ ކަމަށް ބުންޏެވެ.
އެހެން މީހަކު ވަނީ މީހަކު ހުންނަ ގޮތުން ބަނޑު ބޮޑު ކަމަށް އަމިއްލައަށް ނިންމުން ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ.
މިގޮތަށް ކޮމެންޓު ކުރާ މީހުން އައިޝްވާރްޔާ ބަލިވެ ބޭންދި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަސް ވަރަކަށް ފަހަރު އޭނާ ބަލިވެ ބައިންދާފައިވާއިރު އެއްވެސް ފަހަރަކު އެ ވާހަކަތަކާއި ގުޅޭގޮތުން އައިޝްވާރްޔާ ރައްދުދީއެއް ނުހަދަ އެވެ.
އެހެންވެ މިފަހަރުވެސް އޭނާ ބަނޑު ބޮޑަސް އެކަން ޔަގީން ވާނީ ބަނޑު އެނގެން ފެށުމުންނެވެ. އެންމެ ފަހުން އޭނާ ބަނޑުބޮޑު ކަމަށް ބުނެ އަޑު ފެތުރުނީ މީގެ ހަ ވަރަކަށް މަސް ކުރިންނެވެ.
މިފަހަކަށް އައިސް އައިޝްވާރްޔާގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް