މާންދޫ ރަން ގެ ނަމުގައި ހައްދުންމަތީގައި ދުވުމެއް ބާއްވަނީ

މާންދޫ ރަންގެ ނަމުގައި ހައްދުންމަތި (ލ. އަތޮޅު) ގައި ދުވުމެއް ބާއްވަން ނިންމައިފި އެވެ. މިއީ ހޮރައިޒަން ފިޝަރީޒްގެ 18 ވަނަ އަހަރީ ދުވަހާއިގުުވައިގެން ކުރިއަށް ގެންދާ ދުވުމެކެވެ. މި ދުވުމާއިބެހޭގޮތުން ...

25 Sep 2021 | 16:39

މާންދޫ ރަންގެ ނަމުގައި ހައްދުންމަތި (ލ. އަތޮޅު) ގައި ދުވުމެއް ބާއްވަން ނިންމައިފި އެވެ.

މިއީ ހޮރައިޒަން ފިޝަރީޒްގެ 18 ވަނަ އަހަރީ ދުވަހާއިގުުވައިގެން ކުރިއަށް ގެންދާ ދުވުމެކެވެ.

މި ދުވުމާއިބެހޭގޮތުން ދުވަސް އެމްވީއަށް މައުލޫމާތު ދެއްވަމުން އިބްރާހިމް ޝަހީމް ވިދާޅުވީ މި ދުވުން އޮންނާނީ އަންނަ އޮކްޓޯބަރ މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އަދި މި ދުވުމުގައި މިހައިތަނަށް 300 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ.

"މިދުވުން އަސްލު ކުރިން ހުޅުވާލީ މުޅި ރާއްޖެއަށް ހުޅުވާލެވިފަ މިވަނީ، ދެން ކުރިން ބައިވެރިވެފަ ތިބި މީހުންނަށް މިހާރުވެސް ފުރުސަތު އޮންނާނެ އެޗްޕީއޭގެ ގައިޑް ލައިނާ އެއްގޮތަށް." ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދުވުން ފަށާނީ މާންދޫ ގޭޓުން ކަމަށާއި ނިންމާނީ ވެސް އެ ގޭޓަށް ކަމަށެވެ. އަދި މި ދުވުމުގައި 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރު އަދި ހާފް މެރަތަން (21 ކިލޯ މީޓަރު) ހިމަނާފައިވާނެ ކަމަށެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށްގެން "ފަން ރަން" ގެ ނަމުގައި ޚާއްސަ ދުވުމެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ރާއްޖޭގެ ދިގު ދުވުމުގެ "ރަސްގެފާނު" އަދި އެތައް ދަރިވަރުންނެއް މިފަންނަށް ނެރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ބައިވެރިވާނެ އެވެ. އޭނާ ވަނީ ދުވުމުގައި ޚާއްސަކޮށް ދިގު ދުވުމުގައި ރާއްޖޭގެ އެތައް ރެކޯޑެއް ހަދާ، އޮލިމްޕިކްސް ގައު ރާއްޖެ ދެފަހަރު ތަމްސީލު ކުރައްވާފަ އެވެ.

މީގެ އިތުރުން އޮލިމްޕިކްސްގައި 3 ފަހަރު ރާއްޖެ ތަމްސީލުކޮށްފައިވާ ކުރީގެ ބާރު ދުވުންތެރިޔާ އަދި ފިޒިކަލް ޓްރެއިނަރ އަހްމަދު ޝަފީގު (ރިވަރިން) ބައިވެރިވާނެ އެވެ.

މި ދުވުން ނިންމާ ކޮންމެ ބައިވެރިއަކަށް މެޑެލް ދިނުމަށް ވަނީ ނިންމާފަ އެވެ.

ލާމު އަތޮޅަކީ މީގެ ކުރިން ވެސް ގިނަ ދުވުންތަކެއް ބާއްވާފައިވާ ރަށެކެވެ. އެގޮތުން ޓީއެފްޖީ އިން ބޭއްވި ދުވުމާއި އައި ރަނަރސްގެ ފަރާތުން ބޭއްވި ދުވުމެއް ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ލ. އަތޮޅަކީ ގިނަ ދުވުންތެރިން ވެސް ތިބި އަދި އެކަމަށް ގިނަ ބަޔަކު ޝައުގުވެރިކަން ހުންނަ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް