މިހާރުކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ މާލެ ދާއިރާގެ ރައީސްކަން ޝިފާ މުހައްމަދު ކާމިޔާބު ކުރައްވައިފި އެވެ.
މާލޭގެ މަރުކަޒުތަކުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން މިހާތަނަށް ވަގުތީ ނަތީޖާ އިއުލާންކުރި ވޯޓު ފޮށިތަކުގެ ނަތީޖާ ދައްކާގޮތުން ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދާފައިވަނީ މާލޭ ސިޓީގެ ކުރީގެ މޭޔަރ ޝިފާ އެވެ.
މާލެ ދާއިރާގެ ރައީސްކަމަށް ސިފާއާއި އެންމެ ވާދަވެރީ، އެދާއިރާގެ މިހާރުގެ ވެސް ރައީސް، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައީސް ނަޝީދު ފެކްޝަނާއި ރައީސް ޞާލިހްގެ ފެކްޝަންގެ މެދުގައި އަންނަނީ ބަހުގެ ހޫނު ހަމަލާތައް ރައްދުކުރަމުން ނެވެ.
ސިފާއަކީ ރައީސް ނަޝީދު ފެކްޝަންގެ ބޭފުޅެކެވެ.
މިއަދު ހެނދުނު 9 ޖެހިއިރު ފެށި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާތައް ގިނަ ދާއިރާތަކުގައި މިހާރު ދަނީ އިއުލާންކުރަމުން ނެވެ. އެހެންނަމަވެސް ބައެއް މަރުކަޒުތަކުގައި ވޯޓުލާން ފެށުން ލަސްވެފައިވާތީ އެ މަރުކަޒުތަކުގެ ފޮށިތައް ބަންދުކުރަން ފަށާނީ މިރޭ8 ޖަހާ އިރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް