ޕްރިމިއާ ލީގު: ފެނާންޑޭސް މިސްކޮށްލި ޕެނަލްޓީއާއި އެކު ޔުނައިޓެޑު ބަލިވިއިރު، ޗެލްސީ އަތުން ސިޓީ މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު އެސްޓަން ވިލާއާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު، ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ. އަމިއްލަ...

25 Sep 2021 | 14:17

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު އެސްޓަން ވިލާއާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު، ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 0-1 ގެ ނަތީޖާއިންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވާއިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެސްޓަން ވިލާ އިން ކާމިޔާބުކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވާން ދެމިނެޓަށްވެފައި ވަނިކޮށެވެ. ޑުގްލަސް ލުއިޒް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީ މެޗުން އެޓީމު މޮޅުކޮށްދިނީ ކޯޓްނީ ހޯސް އެވެ.

ނަމަވެސް މެޗު ނިމުމުގެ ކުރިން ޔުނައިޓެޑަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެއީ މެޗުގެ ފުރިހަމަވަގުތުހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެވެ. ޔުނައިޓެޑްގެ ތަޖުރިބާކާރު ފޯވާޑް އެޑިންސަން ކަވާނީ ބޮލުން ފޮނުވާލި ހަމަލާއެއް އެސްޓަން ވިލާގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ލިބުނު މި ޕެނަލްޓީ ފޮނުވާލީ ބްރޫނޯ ފެރްނާންޑޭޒް އެވެ. އެހެންނަމަވެސް ފަހުވަގުތު ލިބުނު މި ރަނުގެ ފުރުސަތުގެ ބޭނުން ނުހިފި އޭނާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި ބައްޔާއި އެކު ޔުނައިޓެޑަށް ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ގެއްލިގެ ދިޔައިރު، އެ ޓީމު ވަނީ 6 މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ 4 ވަނައަށް ވެއްޓިފައެވެ.

މެންޗެސްޓާ ސިޓީން ޗެލްސީގެ މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާއިންނެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ރަނގަޅަށް ކުޅެފައިވަނީ ސިޓީންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވެގެންނެވެ.

ސިޓީން މި މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ފަހު ހާފު ފެށިގެން 53 ވަނަ މިނެޓުގައެވެ. މި ލަނޑު ކާންސެލޯގެ އެހީތެރިކަމާއި އެކު ކާމިޔާބު ކުރީ ގެބްރިއެލް ޖީސަސްއެވެ.

މި ނަތީޖާއާއި އެކު ސިޓީ ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެއްވަނައިގައި 5 މެޗުން 13 ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުން އޮތީ ލިވަޕޫލެވެ. ދެވަނަ އަދި ތިންވަނައިގައި މެންޗަސްޓަރ ސިޓީ އާއި ޗެލްސީވެސް އޮތީ 6 މެޗުން މިއަދަދަށް ޕޮއިންޓު ހޯދައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް