ޕެނަމާގަ ރަޖިސްޓްރީގައި ކޮށްފައި އޮތް އާގު ބޯޓު ފަރަށް އެރި ހާދިސާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 900 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
އެ ބޯޓު ކ. ރަސްފަރީ ފަރަށް އަރާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. ބޯޓު ފުން ކުރެވުނީ 10 ދުވަހުގެ މަސައްކަތުން މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.
އީޕީއޭއިން ބުނީ ފަރަށް ލިބުނު ގެއްލުމުގެ ސާވޭ މިދިޔަ ހަފްތާގައި ނިންމާލާފައެވެ.
ސާވޭ އަށްފަހު އީޕީއޭ އިން ހާމަ ކުރިގޮތުގައި ފަރުގެ އެއް ހެކްޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ފަރުގެ ދިރުންތަކާއި ބައްޓަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެ އެވެ.
އީޕީއޭއިން ވަނީ ބޯޓަށް ފުރޭނީ ޖޫރިމަނާގެ އެޑްވާންސް ފައިސާ ދައްކާފަ ކަމަށް ކުރިން ބުނެފަ އެވެ. އެކަމަކު އެ ބޯޓުގެ ވެރިފަރާތުން ދަނީ ބޯޓު ރާއްޖެއިން ދިއުމުގެ ހުއްދަ ދިނުމަށް އެދެމުންނެވެ.
ބޯޓު ފަރަށް އެރި އިރު އޭގައި 19 ފަޅުވެރިން ތިއްބެވެ. އެ ބޯޓު ފަރަށްއެރީ އޮގަސްޓު 18 ވަނަ ދުވަހު އިންޖީނު ހުއްޓިގެން އޮޔާގޮސް އަނެއްދުވަހު ހެނދުނު އެވެ.
އެކަމަކު އެމީހުން ކޯސްޓްގާޑަށް އަންގާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް