ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި އަހުމަދު އަދުހަމްގެ މުޅި ޝަރީއަތް ސިއްރު ކުރަން ނިންމައިފި އެވެ.
އެ މައްސަލައިގަ އަދުހަމް އާއި ދެން ހިމެނޭ މީހުންގެ ޝަރީއަތް ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދުހަމް ވަނީ ދައުލަތާއި އެކު އެއްބަސްވުމެއް އެކުލަވާލައި އޭނާ ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި ކަމަށް އެއްބަސްވެފައި އެވެ.
މި މައްސަލައިގެ ޝަރީއަތުގައި އަންގާރަ ދުވަހު އޭނާ އިއުތިރާފުވެފައި ކޯޓުގައި އިތުރު ވާހަކަ ދައްކަން ފެށުމުން ގާޒީ ވަނީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ވާހަކައެއް ދައްކާފާނެތީ ޝަރީއަތުގެ ބާކީ ބައިން ނޫސްވެރިން ނެރެފަ އެވެ. އަދި އެ ދުވަހު ފަހުން ނޫސްވެރިން އެޝަރީއަތަށް ވައްދާފަ ނުވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް މީޑިއާގައި މިއަދު ވިދާޅުވީ އެ ދުވަހު ޝަރީއަތުގައި ނިންމީ އަދުހަމްގެ ޝަރީއަތް ނިންމެންދެން ސިއްރުކޮށްގެން ކުރިޔަށް ގެންދާށެވެ. އަދި އެގޮތަށް ނިންމީ އަދުހަމްގެ އެދުމުގެ މަތިން ކަމަށް ވިދާޅުވި އެވެ.
އަދުހަމް އެދުވަހުގެ ޝަރީއަތުގައި ކުށަށް އިއުތިރާފުވެފައިވާތީ ދެން އޮންނާނީ ކޯޓުގައި އަލުން އިއުތިރާފްވުމެވެ.. އަދި އެއަށްފަހު ހުކުމް އިއްވާނެ އެވެ. އެކަމަކު ހުކުމް ކުރާ މަޖިލިސް ސިއްރުކުރުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
އަދުހަމްގެ އިތުރުން ބޮން ހަރުކުރުމުން ސައިކަލު މާލެ ގެންގޮސް ޕާކް ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރާ މ. ކުދެހިގެ، އިސްހާގުގެ ޝަރީއަތް ސިއްރު ކުރަން އޭނާގެ ފަރާތުން ވަނީ އެދިފަ އެވެ. އެކަމާ މެދު ބެންޗުން އަދި ގޮތެއް ނުނިންމަ އެވެ.
މި ދެމީހުންގެ އިތުރުން މި މައްސަލައިގަ ދެން ދައުވާ އުފުލާފައިވަނީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމްގެ މައްޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް