ރާއްޖޭގައި މިއުޒިކާ އާޓް ތެރަޕީ ސެޝަންތަކެއް ހިންގައިދިނުމަށް ޔުނިޓާ އަދި ޖީއެފްޕީއޭއަށް ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސާޗް (ޔުނިޓާރ) ގެ އާއި، ގްލޯބަލް ފައުންޑޭޝަން ފޯރ ޕަރފޯމިންގ އާރޓްސް (ޖީ. އެފް.ޕީ.އޭ) ...

25 Sep 2021 | 07:33

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސާޗް (ޔުނިޓާރ) ގެ އާއި، ގްލޯބަލް ފައުންޑޭޝަން ފޯރ ޕަރފޯމިންގ އާރޓްސް (ޖީ. އެފް.ޕީ.އޭ) ގެ ވެރިންނާއި ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ޖީއެފްޕީއޭގެ ފަރާޓުން ބައިވެރިވެވަޑައިގެންނެވީ އެގްޒެކެޓިވް ޑިރެކްޓާ މިސް ލޫސިއާ ޖޭ. ގުއޯ އާއި ،އެ ތަނުގެ އާޓިސްޓް ރޮސްޓާގައި ހިމެނޭ ޕިއަނިސްޓެއް ކަމަށްވާ ބައިރޮން ޒޫއޮ އެވެ. ޔުނިޓާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ނިއުޔޯކް އޮފީހުގެ ހެޑް، ހިޒް އެކްސެލަންސީ މާރކޯ ސުއާޒޯ އެވެ.

މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ ނިއުޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ރާއްޖޭގައި މިއުޒިކް އާޓްތެރަޕީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުންނެވެ.

އެގޮތުން ފަސްޓްލޭޑީ ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް އާރޓް އަދި މިއުޒިކް ތެރަޕީ ސެޝަން ހިންގައިދިނުމަށް ރާއްޖެއާއެކު މަސައްކަތް ކުރުމަށް ޔުނިޓާރ އަދި ޖީ.އެފް.ޕީ.އޭ  އަށް ހުށަހަޅުއްވާފައެވެ. އިތުރަށް އެކަމަނާ ފާހަގަ ކުރެއްވި ގޮތުގައި އެކަމަނާއަކީ ވެސް ތަޢުލީމީ ދާއިރާއިން ވަޑައިގެންނެވި ބޭފުޅެއްކަން ފާހަގަ ކުރައްވާ އާރޓް އަދި މިއުޒިކް ތަޢުލީމު ދިނުމުގައި ބޭނުންކުރުމަކީ ވަރަށް ޝައުގުވެރިވެލައްވާ ކަމެއްކަން ކަން ފާހަގަ ކުރައްވާފައެވެ.

އެބޭފުޅުންވެސްވަނީ އާޓް އަދި މިއުޒިކަކީ ޢިލްމީ ކަންކަމާއި ޞިއްޙީ ދުޅަހެޔޮކަމަށް އެތައް ފައިދާތަކެއް ލިއްބައިދޭ ކަމެއްކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެބޭފުޅުން ވަނީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ޔުނިވަރސިޓީތައް ބައިވެރިވެގެން ކުރިޔަށް ގެންދާ މިފަދަ ބައެއް އޮންލައިން ކޯސް ތަކާ ގުޅޭ މަޢުލޫމާތު ވެސް ޙިއްޞާކުރައްވާފައެވެ. އަދި ޓްރެއިން ދަ ޓްރެއިނަރ އުސޫލުން ރާއްޖޭގެ ޓީޗަރުންނަށް އަމާޒުކޮށް މިފަދަ ސެޝަންތަކެއް ކުރިޔަށް ގެންގޮސްދިނުމަށް ތައްޔާރަށް ތިއްބެވިކަންވެސް އެބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ.

މިހެންކަމުން ޔުނިޓާރ އަދި ޖީ.އެފް.ޕީ.އޭ އިން ވަނީ އެފަދަ ޕްރޮގްރާމެއް ހިންގުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު ވީހާވެސް އަވަހަކަށް މަޝްވަރާތައް ފައްޓަވާނެ ކަމަށް އެއްބަސް ވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް