ސްޕެއިންގެ ބާސެލޯނާއިން ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި އެތްލެޓިކޯއަށް ބަދަލުވި ފްރާންސް ފޯވާޑް އެންޓޮނިން ގްރީޒްމަންގެ ފަރާތުން ފެންނަމުން ދަނީ ދައްކުޅުމެކެވެ. އެގޮތުން ބާސާއިން އެތްލެޓިކޯ އަށް ބަދަލުވި ފަހުން މިހާތަނަށް ސްޕެނިޝް ލީގުގައި ކުޅުނު ތިން މެޗުގައިވެސް ގްރީޒްމަންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދައް ކުޅުމެކެވެ.
ބާސެލޯނާއިން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ލޯނު އުސޫލުން އެތްލެޓިކޯއަށް ބަދަލުވި ފޯވާޑަށް މިހާތަނަށް ކުޅުނު ތިން މެޗުގައި އެންމެ ގޯލެއްވެސް ޖެހިފައި ނުވާއިރު، ގޯލެއް ޖަހަން ފުރުސަތެއްވެސް ތަނަވަސް ކޮށްދެވިފައެއް ނުވެއެވެ.
އެހެންކަމުން އެތްލެޓިކޯގެ ސަޕޯޓަރުން ވެސް ދަނީ ގްރީޒްމަން ދައްކަމުން އަންނަ ދައް ކުޅުމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ފާޑު ކިޔަމުންނެވެ.
ގްރީޒްމަންގެ ކުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުންް އެތްލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ގްރީޒްމަން އެތްލެޓިކޯ ދޯކޮށް ބާސާއަށް ބަދަލުވި ފަހުން ރަނގަޅު ކުޅުމެއް މިހާތަނަށް ނުދެއްކޭ މަކަށާއި އަދި މިފަހަރު ބާސާ ދޫކޮށް އަލުން އެނބުރި އެތްލެޓިކޯއާއި ގުޅުނު ފަހުން ކުޅުމުގެ ފެންވަރު މާ ދައްކަމަށް ދައްކާކަމަށެވެ. ނަމަވެސް އަދި ގްރީޒްމަންގެ ފަރާތުން އޭނާގެ އަސްލުކުޅުން ފެންނާނެ ކަމަށް އުންމީދު ކުރާކަމަށް ވެސް ސިމިއޯނީ ވަނީ ބުނެފައެވެ.
ގްރީޒްމަން ވަނީ މީގެ ކުރިން 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް އެތްލެޓިކޯއަށް ކުޅެފައެވެ. އޭރު ގްރީޒްމަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، އޭނާ ވަނީ އެތްލެޓިކޯގައި ހޭދަކުރި ފަސް ސީޒަނުގައި ކުޅުނު 257 މެޗުގައި 133 ގޯލު ޖަހާފައެވެ.
އޭރު ގްރީޒްމަން ދެއްކި މޮޅު ކުޅުމާއި އެކު ބާސާއިން ވަނީ 2020 ވަނަ އަހަރު ބޮޑު އަގުގައި ގްރީޒްމަން އެޓީމަށް ގެންގޮސްފައެވެ. ނަމަވެސް ގްރީޒްމަން އޭރު އެތްލެޓިކޯގައި ދައްކަމުން ދިޔަ މޮޅު ކުޅުން ބާސާގައި ދެއްކޭގޮތް ނުވިއިރު، ބާސާގައި ހޭދަކުރި ތިން ސީޒަނުގައި ގްރީޒްމަންއަށް ޖެހިފައިވަނީ އެންމެ 35 ގޯލެވެ.
ބާސާއިން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ގްރީޒްމަން އެތްލެޓިކޯއަށް ދޫކޮށްފައިވަނީ ލޯނު އުސޫލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް